އިންޑިއާގައި ވެކްސިން ދިނުމުގެ ފެށުން ވަރަށް ކާމިޔާބު
އިންޑިއާގައި ވެކްސިން ދިނުމުގެ ފެށުން ވަރަށް ކާމިޔާބު

ނިއު ދިއްލީ (ޖެނުއަރީ 18) - އިންޑިއާގައި ކޮރޯނާވައިރަހުގެ ވެކްސިން ދޭން ފެށިތާ ފާއިތުވި ދެ ދުވަހު ޕްރޮގްރާމް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ދެ ދުވަސްތެރޭ ފުރަތަމަ ޑޯޒް ދިން 224،000 މީހުންގެ ތެރޭން ސައިޑް އިފެކްޓްސްއާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނީ އެންމެ ތިން މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އިންޑިއާގައި ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑް-އެސްޓްރަޒެނިކާގެ އިންޑިއާ ވާޝަން "ކޮވިޝީލްޑް" އާއި ބާރަތު ބަޔޯޓެކުން އުފެއްދި "ކޮވެކްސިން" އެވެ. ބާރަތުގެ ވެކްސިންއާ މެދު ކަންބޮޑުވުންތައް ހުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ފުރަތަމަ ދުވަހު ވެސް ވަނީ ހިތްހަމަޖެހޭ ފަދަ ފީޑްބެކްތައް ލިބިފައި،" ހެލްތު މިނިސްޓަރު ހާޝް ވަރުދަން ވިދާޅުވި އެވެ. "މި ވެކްސިނަކީ ކޮރޯނާވައިރަހާ ދެކޮޅަށް "ސަންޖީވާނީ" (ފުރާނަ ސަލާމަތްކޮށްދޭ) އެއްޗަކަށް ވާނެ."

ހެލްތު މިނިސްޓްރީން ބުނީ ވެކްސިންގެ ސައިޑް އިފެކްޓްސްއާ ގުޅިގެން 447 މީހަކު އާދިއްތަ ދުވަހު ރިޕޯޓްކުރި ކަމަށެވެ. އޭގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުން އަދި ހޮޑުލެވުން ފަދަ ކަންކަން ހިމެނެ އެވެ. މިނިސްޓްރީން ބުނީ އެޑްމިޓް ކުރި ތިން މީހުންގެ ތެރޭން ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުރަތަމަ ބުރުގައި އިންޑިއާ އިން 10 މިލިއަން ހެލްތު ވޯކަރުންނަށް ވެކްސިން ދޭނެ އެވެ. އޭގެ ފަހުން ވެކްސިން ދޭނީ ފުލުހުންނާއި ސިފައިން، މުނިސިޕަލް އަދި ފްރަންޓްލައިން އެހެން މަސައްކަތްތެރިންނަށެވެ. ދެން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި 50 އަހަރު ފުރިފައި ނުވި ނަމަވެސް ބޮޑު ބައްޔެއްގައި އުޅެމުންދާ މީހުންނަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ވެކްސިން ދިނުމަށް ވަނީ 700 ޑިސްޓްރިކްޓުގެ 600،000 ސްޓާފުންނަށް ތަމްރީނު ދީފަ އެވެ. ފުރަތަމަ ފޭސް އަމާޒުކޮށްފައި ވަނީ ހެލްތު ވޯކަރުންނާއި ފްރަންޓްލައިން ސްޓާފުންގެ 30 މިލިއަން މީހުންނާއި 50 އަހަރުން މަތީގެ 270 މިލިއަން މީހުންނަށެވެ.

އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ވަނީ އޮކްސްފޯޑުގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދައިފަ އެވެ. މާޗް މަހާ ހަމައަށް ދާއިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސީރަމް އިން ބުނެ އެވެ. އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށް އިންޑިއާ އިން ބުނެ އެވެ.

ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ 28 ދުވަސް ފަހުންނެވެ. ފުރަމަ ޑޯޒަށް ފަހު ވެސް އިމުއުނިޓީ އުފެދޭނެ އެވެ. އެކަމަކު ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެވަނަ ޑޯޒް ދޭތާ 14 ދުވަސް ފަހުންނެވެ.

އިންޑިއާގައި ވެކްސިން ޖެހުން މަޖްބޫރެއް ނޫނެވެ. އެކަމަކު ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ވެކްސިން ދީފައިވާކަމުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.