ބޮޑު ހިޔާނާތުން މަންފާ ލިބުނު ކަމުގެ ތުހުމަތަށް ވަޒީފާއިން އެކަހެރިކުރި ފުލުހުން މަސައްކަތަށް
ބޮޑު ހިޔާނާތުން މަންފާ ލިބުނު ކަމުގެ ތުހުމަތަށް ވަޒީފާއިން އެކަހެރިކުރި ފުލުހުން މަސައްކަތަށް

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުން މަންފާ ލިބުނު ކަމުގެ ތުހުމަތުގައި ވަޒީފާއިން އެކަހެރިކުރި ފުލުހުން މަސައްކަތަށް ނުކުންނަން ފަށައިފި އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން ހިނގަމުންދާ ތަހުގީގުގައި ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަސް ފުލުހަކު ވަޒީފާގައި އެބަތިބި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެ އެވެ. އެއާއެކު، އެ މީހުންގެ ޖިނާއީ އަދި އިދާރީ ތަހުގީގުތައް ދާތީ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް މިދިޔަ ޖޫން 25 ގައި ފުލުހުން ހާމަކުރި އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެކަމަކު ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން އެ މީހުންނާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު މަސައްކަތް ހަވާލުކުރީ އެ ހުރިހާ ފުލުހުންނަށް ކަމެއް ނުވަތަ އޭގެ ތެރެއިން ވަކި ބަޔަކަށް ކަމެއް ނޭނގެ އެވެ.

ރާއްޖެ އިސްތިހާރުކުރަން އުފެއްދި ކުންފުނިން ފައިސާ ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން އޮކްޓޯބަރު، 2019 ގައި އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރާއި ކުރީގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.

އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންނާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވެސް ބައިވެރިވެ އެވެ.

މި ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނީ ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ފުލުހުން ބުނެ އެވެ. އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދުގައި ހުންނެވުމަށްފަހު މި ފަހުން ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.