19 ޖެނުއަރީ 2021 - 07:59

މަސައްކަތްކުރާ ގޮތާ މެދު ވެރިމީހާ ރުހޭ މިންވަރު އަންގައިދޭ ރިސްޓް ބޭންޑެއް އިނގިރޭސިވިލާތުގެ މޫޑްބީމް ކިޔާ ކުންފުންޏަކުން ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

"މޫޑްބީމް ވަން" ކިޔާ މި ބޭންޑްގެ ޑިޒައިންނަށް ބަލާ އިރު މާކެޓްގައި މިހާރު ހުރި ރިސްޓް ބޭންޑްތަކާ ތަފާތެއް ނެތެވެ. ތަފާތަކީ މީގެ ބޭނުމެވެ.
މި ބޭންޑް މޮބައިލް އެޕެއް މެދުވެރިކޮށް ނުވަތަ އެއަށް ހާއްސަ ބުލޫޓޫތުން ކަނެކެޓްކުރެވޭ ޔޫއެސްބީ މެދުވެރިކޮށް ވެބް އިންޓަފޭސް ވެސް ކުރެވިދާނެ އެވެ.
މޫޑްބީމް އިން ބުނި ގޮތުގައި އޮފީސްތަކުގައި މަސައްކަތްކުރުމަށް ވުރެ ބޮޑަށް ގޭގައި މަސައްކަތްކުރުމާއި ނުވަތަ އެ މީހަކު އެ ވަގުތަކު ހުރި ތަނަކުން މަސައްކަތްކުރެވޭ ގޮތަށް މިހާރު ވަޒީފާގެ މާހައުލު ބައްޓަންވަމުން އަންނާތީ މިއީ ވަރަށް ބޭނުންތެރި ރިސްޓް ބޭންޑަކަށް ވާނެ އެވެ. ސަބަބަކީ މުވައްޒަފުން އެ އަޅުވައިގެން މަސައްކަތްކުރުވާ ނަމަ އެ މީހުންގެ ޕަފޯމަންސް މެނޭޖްމަންޓަށް މޮނިޓަކުރެވޭނެތީ އެވެ. އަދި މިއީ މަސައްކަތް ވީހާ ވެސް ރަނގަޅަށް ކުރަން ހިތްވަރުދޭ، އެކަމަށް ބާރު އަޅައިދޭނެ އެއްޗަކަށް ވާނެ ކަމަށް މޫޑްބީމުން ބުންޏެވެ.
ހަމަމިއާ އެކު މީގައި އިންނަ ދެ ބަޓަނުގެ ތެރެއިން ބަޓަކަށް ފިތާލައިގެން އެ މީހަކަށް އެ ދުވަހަކީ މަސައްކަތް ކުރެވޭ ކަހަލަ ދުވަހެއް ނޫން ނަމަ އެކަން ވެސް މެނޭޖްމަންޓާ ހިއްސާކުރެވެ އެވެ. ޖުމްކޮށް "މޫޑްބީން ވަން" އިން ކޮށްދޭ ކަމަކީ މުވައްޒަފުގެ ހާލަތު މެނޭޖްމަންޓަށް އަންގައި ދިނުމެވެ.
"އެއްގޮތަކުން ވިސްނާލައިފި ނަމަ މިއީ މާ ބޮޑަށް ފަސޭހަވެފައި މުވައްޒަފުންގެ ކަންކަން ބަލަން މާ ހަރަދު ވެސް ކުޑަ ގޮތަކަށް ވާނެ. ފިޒިކަލީ މުވައްޒަފުންގެ ގާތަށް ގޮސް އެ މީހުންގެ މަސައްކަތް މޮނީޓަކުރުމާއި މުވައްޒަފުންނާ ގުޅޭ އަސާސީ ކަންކަން ބެލުމުގައި ފޯޯނާއި އެ ނޫން ވެސް ވަސީލަތެއް ހަގީގަތުގައި އަހަރެމެންގެ މި ބޭންޑްގެ ސަބަބުން ބޭނުން ކުރާކަށް ނުޖެހޭނެ." މޫޑްބީމްގެ ބާނީންގެ ތެރޭގައި ހިމެނޭ ކްރިސްޓީނާ ކޯލްމާ މެހިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޫޑްބީމްގެ ރިސްޓް ބޭންޑަކީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭނެ އެއްޗެކެވެ.
"މޫޑްބީމް ވަން" ގެ އަގަކީ 67.64 ޑޮލަރު (1,041.66ރ.) އެވެ. މޫޑްބީންގެ ވެބްސައިޓުން މި ގަނެލެވޭނެ އެވެ.