18 ޖެނުއަރީ 2021 - 15:17

ސްޓެލްކޯއިން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރަމުން އައި މަސައްކަތްތައް، ދުވަހު މުސާރަ ދޭ ގޮތަށް ދިވެހިންނާ ހަވާލުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މިގޮތަށް ނިންމީ ކޮންޓްރެކްޓަރުންނާ ހަވާލުކުރާ މަސައްކަތްތައް ބިދޭސީން ލައްވާ ކުރުވާތީ އެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމުގެ ބޭނުމުގަ އެވެ. އެ ކުންފުނިން ބުނީ ވަޒީފާ ނެތް ދިވެހިންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ދިވެހިންނަށް މިކަމުގެ ސަބަބުން އާމްދަނީ ހޯދޭނެ ކަމަށެވެ.
މި ފުރުސަތު ދިނުމަށް، މިނިވަން މަސައްކަތްތެރިންގެ ގޮތުގައި ކުރިމަތިލާ މީހުންގެ ދަފުތަރެއް ސްޓެލްކޯ އިން އެކުލަވައިލާނެ އެވެ. އަދި އެ އިރަކު ކުރިއަށްދާ މަސައްކަތްތަކަށް އެންމެ ގާބިލު މީހުން ބެލުމަށް ފަހު އެ މީހުންނާ މަސައްކަތް ހަވާލުކުރާނެ އެވެ.
މިނިވަން މަސައްކަތްތެރިންގެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ސްޓެލްކޯގެ ވެބްސައިޓު www.stelco.com.mv އާއި އެ ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެ އެވެ.
މި ދަފުތަރުގައި ރަޖިސްޓްރީ ކުރެވޭނީ އަސާސީ ތައުލީމު ލިބިފައިވާ 18 އަހަރާއި 45 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު މީހުންނަށެވެ. މިއީ ދުވަހު މުސާރައަށް ކުރާ މަސައްކަތަކަށްވާތީ ފުލުހުންގެ ރިޕޯޓު ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނިން މިނިވަން މަސައްކަތްތެރިން ނެގުމުގައި ގިނަ ޝަރުތުތައް ކަނޑައަޅާފައި ނުވަނީ ގިނަ ދިވެހިންނަށް އެ ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން، ކުދި މައްސަލަތަކުގެ ސަބަބުން ވަޒީފާ ނުލިބި ތިބި ދިވެހިންނަށް ވެސް މި ފުރުސަތުގެ ދަށުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިގޮތަށް މަސައްކަތްކުރާ މީހުންނަށް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100ރ. އާއި 250ރ. އާ ދެމެދުގެ އުޖޫރައެއް ލިބޭނެ އެވެ. އަދި މަސައްކަތްކުރާ ކޮންމެ ދުވަހަކު ކޮއްތު ފައިސާގެ ގޮތުގައި 175ރ. ލިބޭނެ އެވެ.
ސްޓެލްކޯ އިން މިނިވަން މަސައްކަތްތެރިން ނަގާނީ ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރާ ކަރަންޓު ކޭބަލް ވަޅުލުމާއި އެ ނޫން ވެސް މަސައްކަތްތަކަށެވެ. އެހެންވެ ގިނަ ފުރުސަތުތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރެކްޝަންސްއާ ގުޅިގެން، ޕެރޯލްގައި ތިބޭ މީހުންނަށާއި ގައިދީންނަށް ވެސް މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯދައިދީފަ އެވެ.