18 ޖެނުއަރީ 2021 - 14:09

ވޮޝިންޓަން (ޖެނުއަރީ 18) - ރައީސްގެ މަގާމާ އަންނަ ބުދަ ދުވަހު ޖޯ ބައިޑަން ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގަރާރަކުން ފާސްކޮށްފައިވާ ބައެއް ނިންމުންތައް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
ބައިޑަން ބަދަލު ގެންނަވާ ބައެއް ސިޔާސަތުތަކުގެ ތެރޭގައި މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކޮށްފައި އޮތް އޮތުމާއި ޓްރަމްޕުގެ ވެރިކަމުގައި ވަކިވި ޕެރިސް ތިމާވެށީގެ އެއްބަސްވުމުގައި އަލުން ބައިވެރިވުން ހިމެނެ އެވެ. އޭގެ އިތުރުން އެމެރިކާ-މެކްސިކޯ ބޯޑަރުގެ ސަބަބުން ވަކިވި އާއިލާތައް އަލުން އެއްތަން ކުރުމަކީ ވެސް ބައިޑަންގެ ސަރުކާރުން އިސްކަން ދޭ އެއް ކަންތަކެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބައިޑަން އަށް ކުރައްވަން ޖެހޭނެ އެންމެ މުހިންމު އަނެއް މަސައްކަތަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިމާރާތަކުގައި މާސްކް އަޅައިގެން އުޅުން މަޖްބޫރު ކުރުން ހިމެނެ އެވެ.
ކޮރޯނާވައިރަހުން އަރައިގަތުމަށް އިގްތިސާދީ އެހީގެ ގޮތުގައި 1.9 ޓްރިލިއަން ޑޮލަރުގެ ޕެކޭޖެއް ކޮންގްރެސް އިން ފާސް ކުރުމަކީ ވެސް ބައިޑަންގެ ސަރުކާރުން އެންމެ އިސްކަން ދޭ މުހިންމު ކަމެކެވެ.
ބައިޑަން ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު 100 މިލިއަން މީހުންނަށް ވެކްސިން ދޭނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.
އަންނަ ބުދަ ދުވަހު ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމެރިކާގެ 50 ސްޓޭޓުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.