ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި، މި އަހަރު ފްލެޓްތައް ނިމޭނެ: ސުހައިލް
ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި، މި އަހަރު ފްލެޓްތައް ނިމޭނެ: ސުހައިލް

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަދާ މަތީ ފެންވަރުގެ އެޕާޓްމަންޓްތައް ހިމެނޭ މަޝްރޫއުތައް ނުނިމި ދިގުލައިގެން ދާތީ އާންމުންގެ ކަންބޮޑުވުން އެބަ ހުރި ކަމަށް، އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ބޮޑެތި ލޯނު ނަގައިގެން އެޕާޓްމަންޓް ގަތް ބައެއް މީހުންނަށް މުއްދަތުގައި ތަން ނުލިބި އަދި ލޯނަށާއި ކުއްޔަށް ހޭދަކުރަން ޖެހުމުގެ ޝަކުވާއާ ގުޅޭ ހަބަރެއް މިދިއަ ބުރާސްފަތިދުވަހު "މިހާރު"ގައި ޖެހި ފަހުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ އޭގެ ފަސް މަޝޫއުއެއް ނުނިމި ކުރިއަށް ދާ ކަމަށެވެ.

"ހަގީގަތުގައި ދީފައި [އޮންނަ] ދެ އަހަރުގެ މުއްދަތަށް ނުނިމޭ. އޭގެ ސަބަބުން ފްލެޓް ބައްލަވައިގެންފައި ތިބި ފަރާތްތަކުގެ ބޮޑެތި ކޮންސާންތައް އެބަހުރި،" ސުހައިލް ވިދާޅުވި އެވެ.

ކުރިއަށް ދާ ކަމަށް އޭނާ އިޝާރަތްކުރެއްވި ފަސް ޕްރޮޖެކްޓްގެ ތަފުސީލު ނުދެއްވި ނަމަވެސް، ބެލެވެނީ އެއީ އެފްޑަބްލިޔު ކޮންސްޓްރަކްޝާއި އެންސިސް ފިޝަރީޒް އާއި ޖާހު އާއި މުނިހޯމް އަދި ކޯދި އިންވެސްޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫއުތައް ކަމަށެވެ.

- އައިރާ، އެންސިސް ފިޝަރީޒް، ހަވާލުކުރީ 2016 ގައި

- ފިތުރޯނު، މުނިހޯމް، ހަވާލުކުރީ 2016 ގައި

- ދަ ގާޑަން، ޖާހު (ޖައުސާ)، ހަވާލުކުރީ 2017 ގައި

- ކޭ-ޕާކް، ކޯދި އިންވެސްޓްމަންޓް، ހަވާލުކުރީ 2017 ގައި

- އެފްޑަބްލިޔު ރެސިޑެންސް، އެފްޑަބްލިޔު ކޮންސްޓްރަކްޝަން، ހަވާލުކުރީ 2017 ގައި

ސުހައިލް ވަނީ ޝަކުވާ ބޮޑުވެފައި ތިބި އާންމުންނަށް ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ވެސް ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ހުރިހާ ޕްރޮޖެކްޓެއް މި އަހަރު ނިމޭނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު ކުރިޔަށް އެ ދާ ތަންތަން ވެސް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އަޅުގަނޑަށް އަޕްޑޭޓް ލިބެނީ،" ސުހެއިލް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްގައި ވެސް އަދި ބުރާސްފަތިދުވަހު "މިހާރު"އާ ވާހަކަ ދައްކަވަމުން ވެސް އޭނާ ވިދާޅުވީ އެ މަޝްރޫއުތައް ނިންމަން ދެ އަހަރު ދުވަހުގެ މުއްދަތެއް ދިނަސް އާންމުކޮށް މަސައްކަތަށް ތިން އަހަރެއްހާ ދުވަސް ނަގާ ކަމަށެވެ. އަދި މަސައްކަތް މިހާރު ކުރިއަށް ދާ މަޝްރޫއުތަކުގެ އިތުރުން އެއްވެސް ވަރަކަށް މަސައްކަތް އަދި ނުފަށާ ޕްރޮޖެކްޓްތަކެއް ވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

ބައެއް ކުންފުނިތަކުން ވަނީ މަޝްރޫއުތައް ނިންމައިފަ އެވެ. އެގޮތުން ރެއިންބޯއިން ކުރިއަށް ގެންދިޔަ ދެ މަޝްރޫއު އާއި އެޕޯލޯއިން ހެދި އިމާރާތެއްގެ މަސައްކަތް ނިންމައި މިދިއަ އަހަރު އެތަންތަނުގައި މީހުން ދިރިއުޅެން ފެށި އެވެ. އޭގެ ކުރިން ދަމާސްގެ "ވަން އެވެނިއު"ގެ އެޕާޓްމަންޓްތައް އޭގެ ހައްގުވެރިންނާ ހަވާލުކުރި އެވެ.

އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިންމީ ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ވިޔަފާރި ބަނދަރާ ކައިރީގައި ހަދާފައިވާ ރެނާޓަސްގެ "އިތާ މުތެ"ވެ. އޭގެ ފަހުން އަމީން ކޮސްޓްރަކްޝަނުން ތަރައްގީކުރި ތިން އިމާރާތެވެ. އަދި ބެޗުގެ "މެރީނާ ވިއު" ގައި ވެސް މިދިއަ އަހަރު ވަނީ މީހުން ދިރިއުޅެން ފަށައިފަ އެވެ.

މިހާރު ކުރިއަށް ދާ މަޝްރޫއުތަކެއް ހިންގަމުން އަންނަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ހުންނަ ފިތުރޯން މަގަށް ވާ ގޮތަށާއި ސެންޓްރަލް ޕާކް ކުރިމަތިން ބަގީޗާ ހިނގުމާއި ރީތިގަސް މަގާ އިންވެގެންނެވެ.

ބައެއް އިމާރާތްތައް ހަދަން ދިންތާ ފަސް އަހަރު އަދި އަނެއް ބައި ތަންތަނުގެ މަސައްކަތް ކުރިއަށް ދާތާ ހަތަރު އަހަރު ވަނީ އެވެ. ކޮވިޑް ލައިގަތީ ވެސް އެ ތަންތަން ހަވާލުކުރާނެ ކަމަށް، އެޕާޓްމަންޓްތައް ގަތް މީހުންނަށް ދިން ތާރީހުތަކަށް ވުރެ ވެސް ފަހުންނެވެ. އެކަމަކު ނުނިމި ހުރި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ބުނަނީ މިހާރު ލަސްވެގެން އުޅެނީ ކޮވިޑާ ހެދި ކަމަށެވެ.

ދެން އެންމެ އަވަހަށް ދިރިއުޅެން ފެށޭވަރުވާނީ އެފްޑަބްލިޔު ރެސިޑެންސާއި ފިތުރޯނުގައި ކަމަށް ބެލެވެ އެވެ. ހުޅުމާލޭ ދެ ވަނަ ފޭހަށް ދާން ހަދާފައިވާ އެއް ބްރިޖާ ސީދާ ދިމާވާ ގޮތަށް އޮންނަ ރީތިގަސް މަގުގައި އިމާރާތްކޮށްފައިވާ އެފްޑަބްލިޔު ރެސިޑެންސްގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފަ އެވެ.

"ފިތުރޯނު" ތަރައްގީކުރަމުން އަންނަ މުނިހޯމްގެ އޮފިޝަލަކު މިދިއަ ހަފުތާގައި "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ނިންމުން ލަސްވީ އެންމެ ފަހުގެ ސާމާނު ގެނައުމުގައި، ކޮވިޑްގެ ސަބަބުން ކުރިމަތިވި ހުރަސްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިނިޝިންގެ އެންމެ ފަހު ޝިޕްމަންޓްތައް ގެންނަން އަސްލު ދަތި ދިމާވީ. އެހެން ނޫން ނަމަ މިހާރު ހުންނާނީ ހަވާލުކުރެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ނިމުން ލަސްވެފައިވާ އިމާރާތްތަކުން އެޕާޓްމަންޓް ގަތް ބައެއް މީހުން ބުނާ ގޮތުގައި މާލޭގައި ކުއްޔަށް އުޅެމުން އަަދި ލޯނަށް ބޮޑު އެއްޗެއް ދައްކަަން ޖެހުމުން މާލީ ވަރަށް ބޮޑެތި ދަތިތައް ގެންދަނީ ތަހައްމަލްކުރަމުންނެވެ.

"އަޅުގަނޑުމެންގެ މުޅި ސޭވިން ދެއްކީ އެޕާޓްމަންޓް ގަންނަން. ދެއްކި އިރު ވެސް ބުނިން ތި ދުވަހަށް [ޑިވެލޮޕަރު ދިން މުއްދަތު] ގައި ނިމޭނެހޭ. އެހެން ބުނީމާ ޔަގީންކަން ދިން ނިމޭނެ ކަމަށް،" މާލޭގައި ދެ ކުދިންނާ އެކު ދިރިއުޅެމުން އަންނަ އަންހެނަކު، އޭނާ އަދާކުރާ ވަޒީފާގެ ގޮތުންނާއި ޑިވެލޮޕަރު ހިތްހަމަނުޖެހިދާނެތީ ނަން ހާމަނުކުރަން އެދެމުން، ބުންޏެވެ.

އެހެން މީހަކު ބުނީ ހުރިހާ ގެއްލުމެއް ބޮލުގައި އަޅަން ޖެހެނީ އެޕާޓްމަންޓް ގަތް މީހުން ކަމަށެވެ.

"ބައްލަވާ އަޅުގަނޑުމެން އެބަ ދައްކަން ބައި މިލިއަނުން، މިލިއަނުން ޑައުންޕޭމަންޓަށް. ދެން ބައްލަވާ އަޅުގަނޑުމެން ދެން މިދަނީ ދެ މިލިއަން، ތިން މިިލިއަން ނޫނީ ހަތަރު މިލިއަން ރުފިޔާގެ ލޯނަށް. އެ ހުރިހާ އެއްޗެއް އަޅަނީ ޑިވެލޮޕަރަށް،" އޭނާ ބުންޏެވެ.

"އަޅުގަނޑު ނުދަންނަވަން އެ މީހުން [ޑިވެލޮޕަރުން] އެއްޗެއް ހޭދައެއް ނުކުރެއެކޭ. އެކަމަކު މީގައި އެބަ އުޅޭ އޮޅުވާާލުން ވެސް، ޒިންމާ ނުނެގުން ވެސް، އަދި މިކަހަލަ މައްސަލަ ބަލާނެ އިދާރާއެއް ނެތުން ވެސް."