ސްޓާ ޕްލަސްގެ "ލޮކްޑައުން ކީ ލަވް ސްޓޯރީ"ގެ ނިމުން މި މަހުގެ 23 ގައި
ސްޓާ ޕްލަސްގެ "ލޮކްޑައުން ކީ ލަވް ސްޓޯރީ"ގެ ނިމުން މި މަހުގެ 23 ގައި

މިދިޔަ އަހަރު ސްޓާ ޕްލަސް އިން ދައްކަން ފެށި ސިލްސިލާ "ލޮކްޑައުން ކީ ލަވް ސްޓޯރީ" މި މަހުގެ 23 ގައި ނިންމާލަން ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ އޭގެ ފަހު އެޕިސޯޑްތަކުގެ ޝޫޓިންތައް ވެސް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"ލޮކްޑައުން ކީ ލަވް ސްޓޯރީ" އަކީ ކޮވިޑްގެ ބަލިމަޑުކަމާ ދިމާކޮށް އިންޑިއާ މާޗް މަހު ލޮކްޑައުން އަށް ގޮސް މުނިފޫހި ދާއިރާގެ މަސައްކަތްތައް ހުއްޓުމަކަށް ގޮސްފައި އޮތުމަށް ފަހު، ޖޫން މަހުގެ ތެރޭގައި އަލުން މަސައްކަތްތައް ފަށަން ހުއްދަ ލިބުމާ އެކު ސްޓާ ޕްލަސް އިން އޮގަސްޓް 31 ގައި ދައްކަން ފެށި ސިލްސިލާއެކެވެ.

މީތި މި މަހުގެ 23 ގައި ނިންމައިލާ އިރު، ސިލްސިލާގެ ލީޑް ރޯލް ކުޅެފައިވާ ވަނީ މޯހިތު މާލިކާއި ސަނާ ސައްޔިދު އެވެ. "ލޮކްޑައުން ކީ ލަވް ސްޓޯރީ" އަކީ ލޮކްޑައުންގެ ތެރޭގައި ލޯބީގެ ގޮތުން ގުޅޭ ދެ މީހަކާ ހެދި ދެ އާއިލާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސްދޭ ސިލްސިލާއެކެވެ.

މީގެ 120 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ލޮކްޑައުން ކީ ލަވް ސްޓޯރީ" އެންމެ ފަހުގެ އެޕިސޯޑްތައް ޝޫޓްކުރަނީ މޯހިތާ ނުލަ އެވެ. ސަބަބަކީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރު ފަރުވާ އަށް އައިސޮލޭޝަނުގައި ހުރުމެވެ.

މި ސިލްސިލާ މި މަހުގެ 23 ގައި ނިންމާލައި ސްޓާ ޕްލަސް އިން 25 ގައި އަލަށް ފަށާނީ "ޕާންޑިއާ ސްޓޯރް" އެވެ. މިއީ އެ ޗެނެލުން މި އަހަރު އަލަށް ފަށާ ފުރަތަމަ ސިލްސިލާ އެވެ.

ސްޓާ ޕްލަސް އިން މިދިޔަ އަހަރު އަލަށް ފެށި ސިލްސިލާތަކުގެ ތެރޭގައި މިހާރު އިންޑިއާގެ އެއް ވަނަ ސިލްސިލާގެ މަގާމުގައި އޮތް "އަނޫޕަމާ" ގެ އިތުރުން "ޝާދީ މުބާރަކް" އާއި "ސާތު ނިބާނާ ސާތިޔާ 2" އާއި "އިމްލީ" އާއި "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގެ އިތުރުން "ޝޯރިއާ: އޭކް އަނޯކީ ކަހާނީ" ހިމެނެ އެވެ.