18 ޖެނުއަރީ 2021 - 11:59

ވެލެންސިއާ ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވެގެން ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރާއިރު އެއް ފަހަރުން ލީގު ހޯދަން އުނދަގޫ ކަމަށާއި ލީގު ޗެމްޕިއަންކަން ހޯދަން ކުރާ މަސައްކަތުގައި ވަގުތު ބޭނުންވާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މި ފަހަރުގެ ސީޒަނަށް ވެލެންސިއާ އިން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށިއިރު އޮތީ މިހާރު އޮތް ސްކޮޑެއް ނޫނެވެ. އެކަމަކު ސީޒަން ފެށެން 10 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ޓީމަށް ހޯދައި ވަރުގަދަ ޓީމެއް އެކުލަވާލި އެވެ. ނަމަވެސް ފަހުން ޓީމާ ގުޅުނު ކުޅުންތެރިންނާ އެކުގައި ޕްރެކްޓިސްކޮށް ރަނގަޅު ޕްރީ ސީޒަނެއް ނުހެދޭތީ ލީގުގެ ފުރަތަމަ މެޗުގެ ކުރިން ވެސް އާތީ ބުނީ ބޭނުންވާ ލެވަލަށްދާން ވަގުތު ބޭނުންވާނެ ކަމަށެވެ.
އޭރު އާތީގެ އަންދާޒާ އަކީ ފަހެއް ނުވަތަ ހައެއްކަ މެޗު ނިމޭއިރު ބޭނުންވާ ލެވަލަށް ދެވިދާނެ ކަމަށެވެ. ލީގުގައި ހޮނިހިރު ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ވެލެންސިއާ ބަލިވިއިރު މިއީ އެ ޓީމުގެ ހަ ވަނަ މެޗެވެ. ގްރާންޑޭ އަތުން ބަލިވެ ވެލެންސިއާ އަށް އެއް ވަނައިގައި އޮތް މާޒިޔާއާ ހަމަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗުއޮތްއިރު، މާޒިޔާ އެއް ވަަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ގްރާންޑޭ މެޗަށް ފަހު އާތީ ވަނީ ވެލެންސިއާ މިހާރު އޮތް ލެވަލް އާއި ލީގަށް ވާދަކުރަން ބަލާއިރު ވިސްނާލުން މުހިއްމުކަމަށް އޭނާ އަށް ގަބޫލުކުރެވޭ ކަންތައްތައް ކިޔައިދީފަ އެވެ.
"އަސްލު މީގެ ބުނަން ޖެހޭނެ އެއްޗަކީ ވެލެންސިއާ ލީގު ނަގަން ވަރަށް ޓައިމް (ވަގުތު) ބޭނުމޭ. އެކަމަކު މި ބުނާ އެއްޗަކީ ލީގަށް އަހަރެމެންނަށް ވާދަނުކުރެވޭނެ ވާހަކައެއް ވެސް ނޫން. އަހަރެމެން މަސައްކަތްކުރާނަން ލީގުގެ ދެވެން އޮތް އެންމެ ކުރިއަށް ދެވޭތޯ. އޭގެ މާނަ އަކީ އެއް ވަނަ އަށް ދެވޭތޯއޭ މަސައްކަތްކުރާނީ. އެއް ވަނަ ނުލިބިއްޖިއްޔާ ދެ ވަނަ އަށް،" ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގައި މަސައްކަތްކުރި އާތީ ބުންޏެވެ.
"ލީގެއް ނަގަން އަދި ވެލެންސިއާ އެބަ ބޭނުންވޭ ވަން އިޔާ (އެއް އަހަރު) ވަރު. މިސާލަކަށް ބުނާ ނަމަ އަހަރެމެން މި އަހަރުގެ ޕާފޯމަންސަށް ބަލާފައި އަންނަ އަހަރަށް ކުޅުންތެރިންތަކެއް ހޯދާފައި ދެން މާޒިޔާ އެއްޗެހި ހުރީ ކޮން ލެވަލެއްގަތޯ ބަލާފައި. މިއީ ބައިވަރު މަސައްކަތް. (ލީގު ހޯދުމަކީ) މިއީ އޯވަނައިޓަކުން ވާކަމެއް ނޫން،"
އާތީ ބުނީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ކޮވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ތިބެފައި ލީގު ފަށައި މިހާރު އޮތް ސްކޮޑު ގޮވައިގެން ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަ ނުކޮށް މެޗުތައް ކުޅެން ވެލެންސިއާ އިން ނުކުތުން ކަމަށެވެ. އެހެންވެ ކުޅުންތެރިންގެ ފިޓްނަސް ހުރީ ކިހާ ލެވަލެއްގައިތޯ ބަލައި ކަންކަން ކުރަން ވެސް އުނދަގޫތަކެއް އެބަހުރިކަން އާތީ ފާހަގަކުރި އެވެ.
ކުޅުންތެރިންގެ މެޗު ފިޓްނަސް ވަޒަންކޮށްލެވެން އޮތީ މެޗުތަކެއް ކުޅެގެން ކަމަށާއި އެކަން ކުރަން ބަލާއިރު ކޮންމެ ހަތަރެއް ނޫނީ ފަސް ދުވަހަކުން މެޗެއް ކުޅެން ޖެހޭއިރު ވިސްނަންޖެހޭ އެހެން ކަންތައްތަކެއް ވެސް އެބަހުރި ކަމަށް އާތީ ބުންޏެވެ.
"ދެން މި ދައްކަނީ މެޗަކަށް ފަހު މެޗެއް ޕާފޯމަންސް ކިހިނެއްތޯ މި ވަނީ. މިހާރު މި އިންނަނީ ހަތަރު ދުވަސްތެރޭ ރިކަވަރީ އެ މީހުން ހިތްލާލުމުގެ (ފިޓްނަސް ރަނގަޅުކުރުމުގެ) މަސައްކަތެއް ކުރެވެން ނެތް. ދެން އެ މީހުން (ޕްލޭޔަރުން) އެ ނަގާ ފުޑާއި އެ މީހުން އެ ރެސްޓްކުރާވަރާއި އެ މީހުން އައިސް އަށް އެރޭ ވަރާއި އެ މީހުންގެ ސޯޝަލް ލައިފް ހުންނަ ގޮތުން ދެ މެޗު ދޭތެރޭގެ ރަނގަޅަށް ރިކަވާ މި ވަނީ،" އާތީ ބުންޏެވެ.
ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ބްރޭންޑެކެވެ. މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، ވެލެންސިއާ އިން ފުރަތަމަ ޓީމު އެކުލަވާލީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރެވޭވަރަށެވެ.
އެކަމަކު ސީޒަން ފެށެން ކުޑަ ދުވަސްކޮޅަށްވެފައި އޮއްވައި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ފަހު ވަގުތު ވެލެންސިއާ އިން ވަނީ ނަން މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ހިމެނެ އެވެ. ޕްރީ ސީޒަންގެ ފަހު ދުވަސްކޮޅު ޓީމާ ގުޅުމުންނާއި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން މިހާތަނަށް ލީގުގައި ފައިސަލް އަދި މެޗެއް ނުކުޅެ އެވެ.
ވަރުގަދަ ކުޅުންތެރިންތަކަކާ އެކީ ވެލެންސިއާ ސްކޮޑު އޮތުމުން މި ސީޒަނުގައި ވެލެންސިއާ ލީގަށް ވާދަކުރާނެ ކަމަށް ވާދަވެރި ޓީމުތަކުން ބުނަމުން އަންނައިރު، ވެލެންސިއާ ކޮންމެ މެޗަކުން ވެސް މޮޅުވާން ސަޕޯޓަރުން ވެސް އުއްމީދުކުރާނެ ކަމަށް މީގެ ކުރިން އާތީ ވަނީ ބުނެފަ އެވެ.
"ވެލެންސިއާގެ ނަން އަހަރެން ބުނަން ބްރޭންޑެކޭ. އެކަމަކު ބްރޭންޑަކަށް ވިޔަސް ވެލެންސިއާ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި އޮވެފައި މިއީ އަލަށް ބިލްޑްކުރާ ޓީމެއް. އަލަށް ބިލްޑް ކުރާ ޓީމެއް މިއަދު މިހުރި ހިސާބު ހުރުމަކީ އެހާ ފްރަސްޓްރޭޝަން އަންނަންޖެހޭ ކަމެއް ނޫން. އަހަރެމެން އަންޑަސްޓޭންޑް ވާންޖެހޭނެ. އެކަމަކު އަދި މީދީ އެއް ވަނަ އަށް މަސައްކަތްކުރުން ހުއްޓާލަން ޖެހޭ ހިސާބަކު ނޫން ކަންނޭނގެ،" އާތީ ބުންޏެވެ.
ފުރަތަމަ ބުރުގައި ވެލެންސިއާ ކުޅޭ ފަހު މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.