ތެލެގޫ އެކްޓަރު ވިޖޭގެ ހިންދީ ފިލްމަކީ "ލައިގާ"
ތެލެގޫ އެކްޓަރު ވިޖޭގެ ހިންދީ ފިލްމަކީ "ލައިގާ"

ދެހާސް އަށާރައިގައި "އަރުޖުން ރެޑީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ލިބުނު އިންޑިއާގެ ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާގެ އަލަތު ހިންދީ ފިލްމުގެ ނަން އިއުލާންކޮށް، އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ޝޫޓިން ވެސް ފަށާފައި އޮތް މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެވެ. އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ޑައިރެކްޓަރު ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރާ ފިލްމުގެ ނަމަކީ "ލައިގާ" އެވެ. މީގެ ޓެގް ލައިނަކީ "ސާލާ ކްރޮސްބްރީޑް" އެވެ.

ފިލްމުގެ ޝޫޓިން ފެށި ދުވަސްވަރު މީގެ ނަމަކީ "ފައިޓާ" ކަމަށް ވަރަށް ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު "ފައިޓާ" އަކީ މިހާރު ދީޕިކާ ޕަދްކޯން އާއި ރިތިކް ރޯޝަން ކުޅެން ސޮއިކޮށްފައިވާ ފިލްމަކަށް ކިޔާ ނަމެކެވެ.

ޕޯސްޓަރުން ފެންނަ ގޮތުގައި "ލައިގާ" ގައި ވިޖޭ ފެންނާނީ ވަރަށް ވަރުގަދަ ބޮކްސިންތެޅުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމުގެ ބަތަލާ އަކީ އާ އަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރި ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އެވެ.

"ލައިގާ" އަކީ ކަރަންގެ ދަރުމާއާ އެކު އަނަންޔާ މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް 2019 ގައި ތައާރަފުކުރީ އެ ސްޓޫޑިއޯގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. އަދި އަނަންޔާ އަކީ ދަރުމާ އިން ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު ޝަކުން ބަޓްރާގެ އާ ފިލްމުގެ އެއް ބަތަލާ އެވެ. ނަން އަދި އިއުލާން ނުކުރާ އެ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ދައިރިއާ ކަރްވާ ހިމެނެ އެވެ.

ވިޖޭގެ "ލައިގާ" އަކީ ހިންދީ ބަހުގެ އިތުރުން ތެލެގޫ، ހިންދީ، ކަންނާޑާ، ތަމަޅަ އަދި މަލަޔާޅަމް ބަހުން ގެނެސްދޭނެ ފިލްމެކެވެ. އެކަމަކު އެ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވިޖޭ ކުޅުނު "އަރުޖުން ރެޑީ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ހިންދީ ރިމެކެއް 2019 ގައި ޝާހިދު ކަޕޫރާ އެކު "ކަބީރް ސިންގް" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.

ވިޖޭއާ އެކު ކަރަންގެ ދަރުމާ އިން ފިލްމެއް ގެނެސްދޭ އިރު، ހުނަރުވެރި އެކްޓަރުގެ 2019 ގެ "ޑިއާ ކޮމްރޭޑް" ގެ ރައިޓްސް ވެސް ކަރަން ވަނީ ހޯދައިފަ އެވެ. އޭގެ ހިންދީ ރިމެކެއް ދަރުމާ އިން ގެނެސްދޭނެ އެވެ.

"ލައިގާ" ގެ ޕޯސްޓަރު ޓްވިޓާގައި ހިއްސާކޮށް ވިޖޭ ބުނެފައި ވަނީ މިއީ ބެލުންތެރިން މޮޔަކޮށްލާނެ ވަރުގެ ފިލްމެއްކަމުގެ ގެރެންޓީދޭ ކަމަށެވެ.