18 ޖެނުއަރީ 2021 - 12:06

ގއ. އަތޮޅުގެ ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ އެ އަތޮޅު ކޫއްޑޫ ފިޝަރީޒް ކޮމްޕެލްކްސްގައި އެކަށީގެންވާ ސިއްހީ ހިދުމަތް ގާއިމުވެފައި ނެތް ކަމަށާއި އެކަން ވީހާ އަވަހަށް ކޮށްދިނުމަށް އެ އަތޮޅު ކައުންސިލް އިދާރާއިން އިއްޔެ ގޮވާލައިފި އެވެ.
އަތޮޅު ކައުންސިލް އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކަށީގެންވާ ސިއްހީ ހިދުމަތެއް ނެތުމުން އެކަން ރަނގަޅު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ކައުންސިލުން އެކި ފަހަރު މަތިން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ކުއްލިގޮތަކަށް މީހަކު މަރުވުމާ ގުޅިގެންނެވެ. ކައުންސިލުން ބުނީ އެ ރަށުގައި ގިނަ ހާދިސާތައް ވެސް ހިނގާ ކަމަށާއި ނަމަވެސް ކައިރި ހޮސްޕިޓަލަށް ގެންދަން ޖެހެނީ ވަގުތުން ދޭން ޖެހޭ ސިއްހީ ފަރުވާ ނުދެވި ކަމަށެވެ.
"ކޫއްޑުއަކީ މި އަތޮޅުގެ ގިނަ ރައްޔިތުން މަސައްކަތް ކުރާ ތަނަކަށް ވާތީ، މިކަމުގެ ކަންބޮޑުވުން ކަމާ ބެހޭ ފަރާތްތަކަށް މި ކައުންސިލުން ތަކުރާރުކޮށް ހުށަހަޅަމެވެ. މިއިން ކޮންމެ ފަހަރެއްގައި ވެސް ވަރަށް އަވަހަށް އެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ހިތާމައަކީ އަދިވެސް މިކަމަށް އެދެވޭ ހައްލެއް ނާންނަ ކަމެވެ،" އަތޮޅު ކައުންސިލްގެ ނޫސް ބަޔާނުގައި ބުންޏެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގަމުން އަންނަނީ މިފްކޯގެ ދަށުންނެވެ. އެހެންކަމުން ކޫއްޑޫގައި އެކަށީގެންވާ ސިއްހީ ހިދުމަތް ގާއިމް ކުރުމަށް މިފްކޯއަށާއި އެސްޓީއޯ އަށް ގއ. އަތޮޅު ކައުންސިލުން އެދެ އެވެ. އަދި މިކަން ކުރުމަށް ބާރު އެޅުމަށް ފިޝަރީޒް މިނިސްޓްރީއަށާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޭބާ އޮތޯރިޓީ އަށް ވެސް އެ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.