18 ޖެނުއަރީ 2021 - 09:11

ނަފީސާ އަލީ (އަސްލު ނަމެއް ނޫން)ގެ އާއިލާ، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "މަމްސް"އިން ސިފަކުރީ، މިފަދަ ޒަމާނެއްގައި ދިވެހިންގެ ތެރެއިން ނުފެންނަހާ، ނިކަމެތި ބައެއްގެ ގޮތުގަ އެވެ. އައްޑުއަށް ނިސްބަތްވާ، އެ އާއިލާގައި ހަތް މީހުން ތިބޭއިރު ދޮށީ ހަތަރު ބެއިންނަކީ ސިކުނޑީގެ އުނިކަން ހުރި މީހުންނެވެ. އޭގެ ތެރެއިން ދެ އަންހެނުންނަށް، އެކި މީހުންގެ ޖިންސީ ޝިކާރައަކަށް ވެ އަށް ކުދިން ލިބިއްޖެ އެވެ. ނަފީސާގެ އެންމެ ހަގު ދަރިފުޅަށް ކިރިޔާ ދެ މަސް ފުރުނީ އެވެ.

މައިންބަފައިންނާ އެކު ނަފީސާގެ އާއިލާ ދިރިއުޅެނީ ތިން ކޮޓަރީގެ ގެއެއްގަ އެވެ. ޖުމްލަ 17 މީހުން އެ ގޭގައި އުޅެ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ދިހަ ކުޑަކުދިން ހިމެނެ އެވެ. އެކި ކޮޓަރިތަކުގައި، ގާތްގާތުގައި ގޮދަނޑި އަޅައިގެން ކުދިންތައް ނިދާއިރު، ބައެއް ދުވަސްދުވަހު އެ ކުދިން ތިބެނީ ހަމައެކަނި ކަޅުސައި ތައްޓަކުން ފުއްދާލައިގެންނެވެ.

"މި ޒަމާނުގައި ބަޔަކު މިހާ ނިކަމެތިކޮށް އުޅެދާނެއޭ ހީވެސް ނުކުރާނެ. އެކަމަކު އަޅުގަނޑުމެންނަށް ފެނުނު މަންޒަރުތަކުން، ލޮލުން ކަރުނަ އައި،" ހުސް މަންމައިން ހިއްސާވާ ޖަމިއްޔާގެ އެޑްމިނިސްޓްރޭޓިވް ކޯޑިނޭޓަރު ފާތުމަތު ފިއުރީން ކިޔައިދިނެވެ.

ފެށުނީއްސުރެ، ނަފީސާގެ އާއިލާ އުޅުނީ ނިކަމެތިކޮށެވެ. ބުއްދި ސަލާމަތުން ނެތުމުން، ފިރިހެނުންގެ ޖިންސީ ގޯނާތަކުން ހިމާޔަތް ހޯދާކަށް އޭނާއަކަށް ނޭނގުނެވެ. އުމުރުން 19 އަހަރުގައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އިރު، މެދުނުކެނޑި ދިޔައީ ޖިންސީ ގޯނާތައް ލިބެމުންނެވެ. އުމުރުން 35 އަހަރުގައި، ހަތަރު ވަނަ ކުއްޖާ ލިބުނު އިރު، އޭނާއަށް ޖިންސީ އަނިޔާކުރީ ކާކުކަން ވެސް ބުނެދޭކަށް ނޭނގެ އެވެ. އޭނާގެ ދޮށީ ދައްތަގެ ހާލަތަކީ ވެސް އެއީ އެވެ. އަނިޔާއަށް އިންސާފު ނުލިބުނު އިރު، އެއީ އަމިއްލަ ކުށް ކަމުގައި ބުނެ، ރަށުގެ ގިނަ މީހުން އެ އާއިލާ ބާކީކޮށްލީ އެވެ.

ދެ ދައްތަ އާއި އެ މީހުންގެ އަށް ދަރިންނާއި ދޮއްޓަށް ތިބި ބުއްދި ހަމަނުޖެހޭ ދެ ބޭބެގެ އިތުރުން، މަންމަ އާއި ބައްޕަ ބެލުމުގެ ޒިންމާ ނަގައިގެން ތިބީ، އެ އާއިލާގެ އެންމެ ހަގު ތިން ބެއިންނެވެ. މާލީ ގޮތުން އެ އާއިލާ ބަރޯސާ ވަނީ، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އެލަވަންސާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އެލަވަންސަށެވެ. އެކަމަކު ބޮޑު އާއިލާއަކަށް ހަރަދު ކުރަން އެއީ ވަރަށް ކުޑަ މިންވަރެކެވެ. އެކަން، ހަމައެކަނި އެ ގޭތެރެއަށް ބަލައިލުމުން ވެސް އެނގެ އެވެ.
ފިއުރީން ބުނިގޮތުގައި ވަރަށް ދުވަސްވެ، ވީރާނާވެފައިވާ ގޭގެ ބައެއް ކޮޓަރިތަކުގައި ގޮދަނޑި އަޅާފައި އޮންނަނީ، ހުސް ތަޅުންގަނޑު މަތީގަ އެވެ. ހެދުންތައް ރައްކާކުރާނެ އަލަމާރިއެއް، ކަބަޑެއް ނެތެވެ. ކެއްކުމަށް ހަތަރު ފޫޓުގެ ކުޑަ ތަންކޮޅެއް ހާއްސަކޮށްފައި ހުންނައިރު، އެތަނުގައި ގިނައީ ހަލާކުވެފައި ހުރި ތެލިތައްޓެވެ. ކުދިން ލަނީ، ބާވެ، ވީދިފައި ހުންނަ އަންނައުނެވެ. ތުއްތު ކުދިން ޖަހާނެ ނެޕީއެއް އަމުދުން ނުހުރެ އެވެ.
"ބައެއް ދުވަސް ދުވަހު އެ މީހުން ތިބެނީ ދުވާލަކު އެއް ފަހަރު ކައިގެން. ނޫނީ ކަޅު ސައި ތައްޓެއް ބޮއެގެން. ބަނޑުހައިވެގެން، ކުދިން ޑަސްބިން ހާވާތަން ވެސް މީހުންނަށް ފެނިފައި އެބަހުރި،" ފިއުރީން ބުންޏެވެ.
މަމްސް ޖަމިއްޔާގެ ސަމާލުކަމަށް މި އާއިލާ އައީ މީގެ ދެ އަހަރު ކުރިންނެވެ. އޭރުން ފެށިގެން، ޖަމިއްޔާއިން ދިޔައީ ކާބޯތަކެއްޗާއި އެކި ކަހަލަ އެހީތައް ވަމުންނެވެ. މުޖުތަމައުގެ ތެރެއިން އެ އާއިލާއަށް ލިބެމުން ދިޔަ ގޯނާތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ. އެކަމަކު ރަށުގެ ކައުންސިލާއި އެހެން އިދާރާތަކުން މާ ބޮޑު އަޅާލުމެއް ލިބިފައެއް ނުވެ އެވެ. އެކަނިވެރިމައިންނަށް ދޭ އިނާޔަތް ލިބޭތީ، ނުކުޅެދުންތެރިކަން ހުރި ނަމަވެސް، ނަފީސާގެ ދެބެންނަށް އޭގެ އިނާޔަތެއް ނުލިބެ އެވެ. އެހެންވެ، "މަމްސް"އިން ނިންމީ، އެކަމުގައި އެ ޖަމިއްޔާގެ މެމްބަރުންގެ ވެސް އެހީ ހޯދާށެވެ.
ނަފީސާގެ އާއިލާއަށް އެހީވުމަށް، "މަމްސް" އާއި އެފަދަ އެހެން ޖަމިއްޔާއެއް ކަމަށްވާ، "އެހީ" ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ. އެހީއަށް އެދި އާއްމުކޮށް ހުޅުވާލުމުން، ފައިސާގެ އިތުރުން، އަންނައުނާއި ކާބޯތައްކެއްޗަށް ދާންދެން މީހުން ހަދިޔާކުރި އެވެ. މި އެހީން، ދެ ޖަމިއްޔާއިން މިހާރު ވަނީ ނިކަމެތި އެ އާއިލާގެ ދިރިއުޅުން ބަދަލުކޮށްލައިފަ އެވެ.
"މަމްސް" އާއި "އެހީ" ޖަމިއްޔާއިން ވަނީ ގޭގެ ހުރިހާ ފާރެއްގައި ސިމެންތި ޖަހައި، ކުލަ ލައިދީފަ އެވެ. ގޭގެ ކަރަންޓު ވައިރިން ބަދަލުކޮށްދީ، ސީލިން ކޮށްފަ އެވެ. ނިދަން ބޭނުން ކުރި ގޮދަނޑިތަކުގެ ބަދަލުގައި އެނދު ބަހައްޓައި، ކިޔަވަން ތިބޭނެ މޭޒާއި ގޮނޑި ވެސް ހޯދައިދީފަ އެވެ. އަލަމާރި އާއި އިތުރު ފަރުނީޗަރެވެ. ކުދިންނަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ގޭގެ ބޭރުގައި ގޭޓް ވެސް ހަރުކޮށްފަ އެވެ. އަދި ކެއްކުމަށް ބޭނުންވާ އުނދުނާއި ތެލިތައްޓާއި، ފްރިޖް ފަދަ ސާމާނު ވެސް ވަނީ ހަމަކޮށްފަ އެވެ.
"ކުރިއަށް އޮތް ހަ މަހަށް ވާ ވަރަށް އަޅުގަނޑުމެން މިހާރު ހުންނާނީ ކާބޯތަކެއްޗާއި ރީތިވާ ސާމާނު ހޯދާފައި. އަދި އިތުރު ދިހަ މަހަށް ވާ ވަރަށް، ނަފީސާގެ ތުއްތު ދަރިފުޅަށް ނެޕީ އާއި ކޮސްމެޓިކް ދިނުމަށް ވެސް ވަނީ ނިންމާފައި،" ފިއުރީން ބުންޏެވެ.
އޭނާ ބުނިގޮތުގައި ކާބޯތަކެއްޗާއި ރީތިވާ ސާމާނު، އެ ރަށަށް ގެންދިޔަ ނަމަވެސް އެތަކެތި އާއިލާއަށް ފޯރުކޮށްދޭނީ މަހުން މަހަށެވެ. އަދި ކުދިންގެ ކިޔެވުމުގެ ހަރަދުތައް ހަމަޖެއްސުމަށް، ސްޕޮންސަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ގެއަށް ގެނައި ބަދަލާއި އަލަށް ލިބުނު އަންނައުނާ އެކު، ގޭގެ ކުޑަކުދިން ވަނީ އުފަލުން ފޮޅިފަ އެވެ. ކުދިންނާ ވާހަކަ ދައްކާލުމަށް ފަހު ފިއުރީން ބުނީ މިއީ އެ ކުދިންނަށް އެންމެ ބޮޑު އުފަލެއް ލިބުނު ދުވަސް ކަމަށެވެ. އެތައް ދުވަހަކަށް ފަހު ރީތި ހެދުމެއް ލައި، މީރު އެއްޗެއް ކާން ލިބުމުން ކުދިންގެ ފަރާތުން ފެނުނު އުފާވެރިކަން އިހުސާސް ކުރެވުނު ކަމަށް ވެސް އޭޭނާ ބުންޏެވެ.
"މަމްސް" އާއި "އެހީ" ޖަމިއްޔާގެ އުއްމީދަކީ، ދާއިމީކޮށް މި އެހީ ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމެވެ. އެއަށް ވުރެ ބޮޑަށް، މުޖުތަމައުން އެ އާއިލާ ބަލައިގަތުމެވެ. ނުކުޅެދުންތެރިކަން ހުރުމުން ބާކީކޮށް ނުލައި، ރައްކާތެރިކަމާއި ހިމާޔަތް އެ މީހުންނަށް ދިނުމެވެ.