ކޮންސްޓްރަކްޝަން ސައިޓަކުން ގެއެއްގެ މައްޗަށް ދަގަނޑު ގަނޑެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް
ކޮންސްޓްރަކްޝަން ސައިޓަކުން ގެއެއްގެ މައްޗަށް ދަގަނޑު ގަނޑެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް

އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަނަކުން، ކައިރި ގެއެއްގެ މައްޗަށް ދަގަނޑު ފައްޗެއް ވެއްޓި މާލޭގައި މިއަދު ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

މާފަންނު ސަހަރާ ކައިރީގައި ހުރި ގެއެއްގައި މެންދުރު 12:00 ހާއިރު ހިނގި މި ހާދިސާގައި ފުރާޅާއި ސީލިންގު ފޫދުއްވާލައި ދަގަނޑު ފައްޗެއް ފަސް ފޫޓަށް ވަދެފައި ވެ އެވެ. ކޮޓަރީގައި އެ ވަގުުތު ދެ މީހަކު ނިދާފައި ތިއްބަސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެ ގެ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ މީހުންނަށް ހޭލެވުނީ ވެސް އެއްޗެއް ވެއްޓުނު އަޑަށެވެ.

ދަގަނޑުފަތި ވެއްޓި ސީލިންގުން ތިން އިންޗި ވަރުގެ ބާގަނޑެއް ހެދިފައި ވެ އެވެ.

"އެއްވެސް މީހަކަށް ޒަހަމެއް ނުލިބޭ އިރާދަކުރެއްވިއްޔާ،" އެ ގެ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، އިމާރާތް ކުރުމުގެ މަސައްކަތްކުރަން ތިބި މީހުންގެ ފަރާތުން ލިބުނު ގެއްލުމަށް އެ ފަރާތުން ވަނީ ޒިންމާވެފަ އެވެ. އެ ތަނުގެ ފުރާޅު ބަދަލުކޮށް، ސީލިންގު ހަދައިދޭނެ ކަމަށް އެ މީހުން ބުނެފައިވާ ކަމަށް ބުންޏެވެ.

"ފުލުހުންނަށް ވެސް ރިޕޯޓު ކޮށްގެން މިހާރު އެ ދަގަނޑު ފަތި ވެސް ނަގައިފިން."