18 ޖެނުއަރީ 2021 - 08:41

"ކުއްޔަށް ދޫކުރާ މީހެއް" ކަމަށް ބުނެ ޖަޕާނުގެ މީހަކު އޭނާ އިޝްތިހާރުކުރަން ފަށައިފި އެވެ.

ޓޯކިއޯ އަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ޝޯޖީ މޮރިމޯޓޯ އޭނާ ކުއްޔަށް ދޫކުރަން އިޝްތިހާރުކުރަނީ ޓެގް ލައިނަކަށް "ޓު ޑޫ ނަތިން" ބޭނުންކޮށްގެންނެވެ. އޭނާ ކުއްޔަށް ދޫކުރަނީ ކުރަން ޖެހޭ ދަތުރުތަކާއި ކެއުމާއި ހުރުމުގެ ހަރަދުގެ އިތުރުން ގަޑިއަކަށް 10،000 ޔެން (96.26 ޑޮލަރު) އަށެވެ.
މޮރިމޯޓޯ އެންމެ ފުރަތަމަ "ކުއްޔަށް ދޫވާން" އިއުލާންކުރީ 2018 ވަނަ އަހަރު އެވެ. މޮރިމޯޓީ ބުނި ގޮތުގައި އޭނާ ކުއްޔަށް ހިފާ މީހުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. މިސާލަކަށް ވަކި ތަނަކުން ބާޒާރުކުރަން ބޭނުންވި ނަމަވެސް އެތަނެއް ހުރި ގޮތަކުން އެ މީހަކަށް ވަންނަން އުނދަގޫ ނަމަ އެތަނަކަށް މޮރިމޯޓޯ ވައްދައިގެން ގަންނަން ބޭނުންވާ އެއްޗެއް ގަނެލެވޭނެ އެވެ.
"ނޫނީ އެކީގައި ކުޅެން އުޅޭ މީހާ ނެތް ކަމަށްވާ ނަމަ އެ މީހަކަށް އަހަރެން ހެދިދާނެ. މިހެން ގޮސް ހުރިހާ ކަމަކަށް އޮތް ހައްލެއް އަހަންނަކީ،" މޮރިމޯޓޯ ބުންޏެވެ.
އޭނާ ބުނި ގޮތުގައި "އަމިއްލަ އަށް ކުއްޔަށް ދޫވެގެން" ދޭ ހިދުމަތަށް އާންމުންގެ ފަރާތުން އަންނަނީ ތަރުހީބު ވެސް ލިބެމުންނެވެ. އެގޮތުން ދުވާލަކަށް އެވްރެޖްކޮށް ތިން ހަތަރު ކަސްޓަމަރުން ލިބޭ ކަމަށާއި ބައެއް މީހުން އޭނާ ކުއްޔަށް ހިފަނީ ފޫހިފިލުވާށާއި އެކަނިވެރިކަން ފިލުވަން ނުވަތަ ހޮސްޕިޓަލް ފަދަ ތަންތަނަށް އެކީގައި ގެންދަން ކަމަށް ވެސް މޮރިމޯޓޯ ބުންޏެވެ.
"މިހާރު ހިލޭ ވެސް މިކަން އެބަ ކުރަން. އަދި އަގު ވެސް ބައެއް ފަހަރު ދަށްކުރަން،" އޭނާ ބުންޏެވެ.
މި ތަޖުރިބާގެ ވާހަކަ ހިއްސާކުރަމުން މޮރިމޯޓޯ ކިޔައިދިން ގޮތުގައި ބައެއް މީހުން އޭނާ ކުއްޔަށް ހިފަނީ ކޮށްފައި ހުންނަ މޮޅެތި ކަންކަމުގެ ވާހަކަ ހިއްސާކުރާށެވެ.
"އެއް ފަހަރު މީހަކު އަހަރެން ކުއްޔަށް ހިފި އޭނާ ބައިވެރިވި ގަތުލެއްގެ ވާހަކަ ދައްކަން. އަދި އެއް ފަހަރަކު ދިމާވި އަމިއްލަ އަށް މަރުވާތަން ދައްކަން އަހަރެން ކުއްޔަށް ހިފި މީހަކާ ވެސް،" މޮރިމޯޓޯ ބުންޏެވެ.
ޖަޕާނުގެ މައިނީޗީ ނޫހަށް މޮރިމޯޓޯ ކިޔައިދިން ގޮތުގައި އޭނާ އަމިއްލަ އަށް ކުއްޔަށް ދޫވަނީ އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރާތީ އެވެ.
"އަހަންނަކީ އެއްވެސް މީހަކާ ގާތް ރައްޓެއްސެއް ނޫން. އެކަމަކު އެންމެންގެ ވެސް ބައިވެރިއެއް،" އޮސާކާ ޔުނިވަސިޓީން ޕިޒިކްސް އިން ޑިގްރީ ހާސިލުކޮށްފައިވާ މޮރިމޯޓޯ ބުންޏެވެ.
ކައިވެނި ވެސް ކޮށްގެން ހުރި މޮރިމޯޓޯ ކުރިން މަސައްކަތްކުރީ ޕަބްލިޝިން ހައުސްއެއްގަ އެވެ. އޭނާ އަމިއްލަ އަށް ކުއްޔަށް ދޫވާން ފެށީ އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލުމަށް ފަހު އެވެ.
ޓްވިޓާ އިން މޮރިމޯޓޯ ފޮލޯކުރާ މީހުންގެ އަދަދު 268،000 އަށް ވުރެ ގިނަ އެވެ.