އަމިއްލައަށް އޮޕަރޭޓްކުރާ ޑްރޯން އަށް ހުއްދަ ދީފި
އަމިއްލައަށް އޮޕަރޭޓްކުރާ ޑްރޯން އަށް ހުއްދަ ދީފި

ޑްރޯން އޮޕަރޭޓްކުރުމުގެ މައިގަނޑު ކަންކަމަށް އިންސާނުން ބޭނުން ނުވާ ފުރަތަމަ ޑްރޯން ބޭނުންކުރުމުގެ ހުއްދަ އެމެރިކަން ރޮބޯޓިކްސް (އޭއާރް) އަށް އެމެރިކާގެ ފެޑެރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ދީފި އެވެ.

މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް އޭއާރް އިން ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އޮޓޮމެޓިކުން އޮޕަރޭޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯނަށް އެފްއޭއޭގެ ހުއްދަ ލިބުމަކީ އެ މީހުންގެ ސްމާޓް ޑްރޯން ޕްރޮޖެކްޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނަމަވެސް މި ބާވަތުގެ ޑްރޯން އޮޕަރޭޓްކުރުމުގެ ހުއްދަ އެފްއޭއޭ އިން އޭއާރް އިން ދިނީ އެމެރިކާގެ ވަކި ހިސާބުތަކެއްގައި ކުންފުނީގެ މަސައްކަތްތަކަށެވެ. މި ވަގުތު އޭއާރްގެ ސްމާޓް ޑްރޯން އޮޕަރޭޓްކުރެވޭނީ މެސެޗޫސެސް އާއި ނެވާޑާގެ އިތުރުން ކެންސަންސްގެ ބައެއް ސަރަހައްދުތަކުގަ އެވެ.

އޭއާރްގެ އޮޓޮނަމަސް ޑްރޯނަކީ އެއަށް ހާއްސަ ސްކައުޓް ބޮކްސްއެއްގެ މެދުވެރިކޮށް އޮޕަރޭޓްކުރެވޭނެ އެއްޗެކެވެ. ހެލިކޮޕްޓަރެއް ހެލިޕެޑަކުން ނައްޓާލައި، ޖައްސާ ގޮތަށް އޭއާރްގެ ސްމާޓްގެ ޑްރޯންގެ މައިގަނޑު ބޭސް އަކީ ސްކައުޓް ބޮކްސް އެވެ.

އޭގެ އެކޯސްޓިކް ޑިޓެކްޝަން ސިސްޓަމްގެ އެހީގައި ޑްރޯންގެ ހުރިހާ ހަރަކާތްތައް މޮނިޓަކުރެވޭނެ އެވެ. އެހެންވެ ޖައްވުގެ ތެރޭގައި ހުންނަ އެހެން އުޅަނދުތަކާ މުޑިއެރުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ. އަދި މި ޑްރޯނަކީ އެހެން އުޅަނދެއް އެއާ ދިމާއަށް އެއްވެސް މިސްރާބަކުން ހުރި ނަމަ ދެ މޭލު ދުރުން އެކަން ދެނެގަންނާނެ އެއްޗެކެވެ.

އޭއާރް އިން ބުނިގޮތުގައި އެފްއޭއޭ އިން ހުއްދަ ލިބުނު ސްމާޓް ޑްރޯން މި ވަގުތު ބޭނުން ކުރާނީ އޮޕަރޭޓްކުރަން ހުއްދަ ދިން ސަރަހައްދުތަކުގައި ކުރިއަށްދާ ކުންފުނީގެ މަސައްކަތްތައް މޮނިޓަކުރުން ކަހަލަ ކަންކަމަށެވެ. ޑެލިވަރީގެ ހިދުމަތަށް ޑްރޯން ބޭނުންކުރާ ނަމަ އެކަމަށް ވަކި ހުއްދައެއް އެފްއޭއޭ އިން ނަގަން ޖެހޭނެ އެވެ.

މީގެ ކުރިން ވެސް އެތަނުން ވަނީ ބައެއް ކުންފުނިތަކަށް ވަރަށް ލިމިޓެޑްކޮށް އެ ހުއްދަ ދީފަ އެވެ. ޑެލިވަރީގެ ހިދުމަތަށް ޑްރޯން ބޭނުން ކުރުމަކީ އޮންލައިން ވިޔަފާރި ފުޅާކުރާ ކުންފުނިތަކުގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް ފޯކަސްކުރެވޭ އެއް ދިމާ އެވެ.