07 ނޮވެމްބަރ 2016 - 11:34

އިލެކްޝަންސް ކޮމިޝަންގެ ހިއުމަން ރިސޯސް ޑިރެކްޓަރަކަށް ހުންނެވި އައިމިނަތު ޝާދިޔާ ދެވަނަ ފަހަރަށް އެ ކޮމިޝަންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
އެ މަގާމުގައި ހުއްޓާ 2012 ގައި މަގާމުން ވަކިކޮށްފައި ވަނިކޮށް ޓްރައިބިއުނަލާއި ހައި ކޯޓުން ކުރި ހުކުމަކާ ގުޅިގެން 2014 ގައި ޝާދިޔާ އަށް އަލުން އެ ވަޒީފާ ދިނެވެ. އެކަމަކު އޭނާގެ އަމަލްތައް ހުރި ގޮތުން ކަމަށް ބުނެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަނެއްކާވެސް ވަޒީފާއިން ވަކިކުރި އެވެ.
އިލެކްޝަންސް އިން ބުނި ގޮތުގައި ޝާދިޔާ ވަކިކުރީ ކޮމިޝަންގެ ނިންމުންތައް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވުމާއި ކޮމިޝަނާ ދެކޮޅަށް ތެދުވަން މުވައްޒަފުންނަށް ހިތްވަރު ދިނުމާއި ކޮމިޝަންގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުއްވުން ފަދަ ކަންކަމާ ހެދި އެވެ.
އެ މައްސަލަ ޝާދިޔާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލުން މިދިޔަ މަހު 27 ގައި ނިންމީ އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ވާތީ އިލެކްޝަންސްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ނުބެލެވޭ ކަމަށެވެ.
ޝާދިޔާ ވަކިކުރީ ރަނގަޅަށް ކަމަށް ވިޔަސް އޭނާ ވަކިކުރުމުގެ ކުރިން އިޖްރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާތީ ބަދަލުގެ ގޮތުގައި 26،505ރ. ދޭން ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.
ޝާދިޔާ އެންމެ ފުރަތަމަ ވަޒީފާއިން ވަކިކުރީ 2012 ގެ ބަޖެޓްގައި އޭނާގެ މަގާމަށް މުސާރަ އާއި އިނާޔަތްތައް ހިމަނާފައި ނުވާ ކަމަށް ބުނެ އެވެ.