ކަލާޒް އަށް އަލަށް އަންނަނީ "ޝިވާ"
ކަލާޒް އަށް އަލަށް އަންނަނީ "ޝިވާ"

ކަލާޒް ޗެނެލުން "ޝިވާ" ކިޔާ އާ ސިލްސިލާއެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ދައްކާލައިފި އެވެ.

މިހާތަނަށް އަދި މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އާންމުކޮށްފައި ނުވާ އިރު، ސިލްސިލާގެ ލީޑް ރޯލުން ފެންނާނީ އަދިތިޔާ ރެދީޖެވެ. އޭނާ ޓައިޓްލް ރޯލުން ފެންނާނެ "ޝިވާ" ގެ ޕްރޮމޯގައި ފެންނަނީ އަދިތިޔާ ފެންގަނޑެއްގެ ތެރެއަށް ފުންމައިލާ ތަނެވެ.

މި ސިލްސިލާ ދައްކަން ފަށާނެ އިރެއް ވެސް ކަލާޒް އިން އަދި އިއުލާނެއް ނުކުރެ އެވެ. "ޝިވާ" އަކީ އެ ޗެނެލުން މި އަހަރު އެންމެ ފުރަތަމަ ފަށާ އާ ސިލްސިލާ އެވެ.

މީގެ ބަތަލު އަދިތިޔާ، 36، އަކީ ކުރިން ވެސް ގިނަ ސިލްސިލާތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ސޮނީގެ "ޕޯރަސް"، އެންޑް ޓީވީގެ "މޭރީ އާވާޒް ހޭ ޕެހްޗާން ހޭ" އާއި ކަލާޒްގެ "ނަ އާނާ އިސް ދޭސް ލާޑޯ" ހިމެނެ އެވެ.

ކަލާޒް ޗެނެލުން މި ފަހުން ގެނެސްދޭން ފެށި އާ ސިލްސިލާތަކުގެ ތެރޭގައި "ނަމަކް އިސް ކާ" އާއި "މޮލްކީ" އާއި "ޕިންޖްރީ: ޚޫބްސޫރަތީ ކާ" އަދި "އިޝްގް މޭ މަރުޖާވާ 2" ހިމެނެ އެވެ.

މިހާރު ވެސް މަގުބޫލު ސިލްސިލާތަކެއް ގެނެސްދެމުން އަންނަ ސްޓާ ޕްލަސް އިން އަލަށް ދައްކަން ފަށާ ސިލްސިލާ "ޕާންޑިއާ ސްޓޯރް" މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާނެ އެވެ. މިއީ އެ ޗެނެލުން މި އަހަރު ފަށާ ފުރަތަމަ އާ ސިލްސިލާ އެވެ.