18 ޖެނުއަރީ 2021 - 08:48

އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ހަދަން އުޅޭ އާ ފިލްމަކީ އުމުރުން ދުވަސްވީ ގާތް ދެ ރަހުމަތްތެރިންގެ ވާހަކަ ކިޔައިދޭ ވަރަށް ޖަޒުބާތީ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަމީތާބް ބައްޗަން އާއި ބޯމަން އިރާނީއާ އެކު ހަދަން ނިންމާފައިވާ މި ފިލްމުގެ ވާހަކަ އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވެގެން އައި އިރު ބުނެފައި ވަނީ މިއީ ސޫރަޖްގެ ކުރީގެ ފިލްމުތަކާ އެއްގޮތަށް ބޮޑު އާއިލާއެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެއް ކަމަށެވެ. ނަމަވެސް ސޫރަޖްގެ ގާތް ބަޔަކާ ހަވާލާދީ ޕިންކްވިލާ އިން ބުނީ އަދި ރަސްމީކޮށް އިއުލާންނުކުރާ ސޫރަޖްގެ އާ ފިލްމަކީ އޭނާ މީގެ ކުރިން ގެނެސްދިން ފިލްމުތަކާ ވަރަށް ތަފާތު އެއްޗަކަށް ވާނެ ކަމަށެވެ.
އެގޮތުން އާ ފިލްމުގެ މައިގަނޑު ވާހަކަ އަކީ ދުވަސްވީ ދެ ރަހުމަތްތެރިންނާއި އެ މީހުންގެ ހަޔާތުގެ ވާހަކަ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެހެން ވިޔަސް މި ފިލްމަކީ ކުރީގެ ފިލްމުތަކާ އެއްގޮތަށް ވަރަށް އިންޑިއާވަންތަ އަދި އެހާމެ ސާދާސީދާ އަސަރު ގަދަ ފިލްމަކަށް ވާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމަށް މިހާރު އަންނަނީ އިތުރު ކާސްޓުން ވެސް ހަމަޖައްސަމުންނެވެ.
"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕްކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" ފަދަ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމުތައް ގެނެސްދިން ސޫރަޖް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސަލްމާން ޚާނާއި ސޯނަމް ކަޕޫރް ކުޅުނު 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
އަމީތާބާ އެކު ސޫރަޖް މުޅިން އަލަށް މަސައްކަތް ފަށާ ފިލްމުވެގެން ދާނި އޭނާގެ ޑައިރެކްޓްކުރާ ހަ ވަނަ ފިލްމަށެވެ. ސަލްމާނާ ނުލައި ގެނެސްދިން "ވިވާ" އާއި "މޭ ޕްރޭމް ކީ ދީވާނީ ހޫ" އަކީ ވެސް ސޫރަޖް ޑައިރެކްޓްކުރި ފިލްމުތަކެވެ.
އަމީތާބާއި ބޯމަންގެ ފިލްމަށް ފަހު، ސޫރަޖްގެ ޑާލިން ސަލްމާނާ އެކު އަންނަ އަހަރު ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.