17 ޖެނުއަރީ 2021 - 10:04

ކޮވިޑް-19 ގެ ނުރައްކާ ކުޑަ ގައުމުތަކާ އެކު އިނގިރޭސިވިލާތުން ހެދި ޓްރެވަލް ކޮރިޑޯ، އެ ގައުމުގައި ކޮވިޑް ވައިރަސްގެ އާ ވޭރިއެންޓް ފެތުރި ހާލަތު ގޯސްވުމާ އެކު މާދަމާ އިން ފެށިގެން މެދުކަނޑާލަން ނިންމައިފި އެވެ.
ޓްރެވަލް ކޮރިޑޯއަކީ ދަތުރުފަތުރުކުރުން ރައްކާތެރި ގައުމުތައް ކަނޑައަޅައި އެ ގައުމުތަކުން ދާ މީހުން ކަރަންޓިނުވާން ނުޖެހޭގޮތަށް އުސޫލެކެވެ. ޔޫކޭގެ މި ލިސްޓުގައި ރާއްޖެ ވެސް ހިމެނެ އެވެ. އެހެންވެ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންނާއި އެހެން ބޭނުންތަކުގައި އަންނަ މީހުން ވެސް އެނބުރި ޔޫކޭ އަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
ޓްރެވަލް ކޮރިޑޯ މެދުކަނޑާލުމުން، "ސޭފް" ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ގައުމަށް ދާ އެންމެން ވެސް 10 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. އަދި މިހާރު ހަމަޖައްސާފައިވަނީ އެތެރެވުމުގެ ކުރިން ކޮވިޑަށް ޓެސްޓުކޮށްފައިވާ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ ވެސް ހުށަހަޅަންޖެހޭ ގޮތަށެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން ބުނީ ޓްރެވަލް ކޮރިޑޯ ބަންދުކުރުމުގެ ނިންމުން އަންނަ މަހުގެ 15 އާ ހަމައަށް ދެމި އޮންނާނެ ކަމަށެވެ. އަދި މި ނިންމުން މުރާޖައާ ކުރާނީ އެހާތަނަށް ހާލަތަށް އަންނަ ބަދަލަށް ބެލުމަށް ފަހު ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓް ފެނުމާއެކު ވައިރަސް ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެ ގައުމުގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނުކުމެ ނޫޅެން ވެސް ވަނީ އަންގައިފަ އެވެ.
އިނގިރޭސިވިލާތުގެ ޓްރެވަލް ކޮރިޑޯ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ އަހަަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ގައުމުން 52،716 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.