ފަލީހަތް
ފަލީހަތް

ބުދަ ދުވަހާ ގުޅޭ

"ފޯނު ވެސް ވަގަށް ނަގައިފި." އަހުސަންގެ އަޑުގައި ސަމާސައިގެ ރާގެއް ނެތެވެ.

ޒިޔާނަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. އަހުސަނަކީ އިންޑިޔާއަށް ކޯހެއް ފުރިހަމަކުރަން ސަރުކާރުން ފޮނުވި ފުލުހެކެވެ. ހާއްސަ އިނާޔަތްތަކަކާއި ބާރުތަކެއް ފުލުހުންނަށް އޮންނާނެއެވެ. އަހުސަން ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނައަށް ފާރަލާނީ ކާކު ހެއްޔެވެ؟

"ކަލޭ ތި ތަނަށް ދިޔައީ ސީއެސްއައި ކުޅެންތަ؟" ޒިޔާން ދެން ވެސް ވާހަކަދެއްކީ ހާސްކަމެއް ނެތިއެވެ. "ފޯނު ލެވުނު ތަން މާދަން ހަނދާންވާނެ. ހާސްކަނޑާލާ!"

"ޒިޔާން!" ކުރިޔަށް ވުރެ ނުތަނަވަސް ވެފައި އަހުސަން ބުންޏެވެ. "އައި އޭމް ސީރިޔަސް މޭން! އެކަކު މި ވާހަކަ ގަބޫލުނުކުރިޔަސް ޒިޔާން ޖެހޭނެ ގަބޫލުކުރަން. މާދަމާ އަހަންނަށް ކަމެއް ވިޔަސް ތީ ހަމަ އެކަނި އެވިޑެންސަކީ. ކުރީ ދުވަހު މަތިން ވެއްޓުނު ކުޑަދޮރެއް. ހަމަ ކިރިޔާ އަހަރެންގެ ބޮލުގަ ނުޖެހުނީ. ބަލަމާ ހިނގާ އެއީ އިއްތިފާގެކޭ. ރޭގަ ރޫމްގަ ރޯވިކަން އެނގޭތަ؟"

އަހުސަން ބުނި ދެ ހާދިސާއަކީ ވެސް އިއްތިފާގަކަށް ވެދާނެއެވެ. ޒިޔާން ވަގުތުން އެހެން ނިންމިއެވެ. އެހެނަސް އަހުސަނަށް ހިތްވަރުދޭން ބޭނުންވާތީ ދެކޮޅަށް އެއްޗެއް ނުބުނެއެވެ.

"އޯކޭ! މިހެން ހަދާ!" ޒިޔާން ބުންޏެވެ. "ޓްރޭނިން ކޯޑިނޭޓަރަށް ރިޕޯޓުކުރޭ! ތި ހުރިހާ ވާހަކައެއް ކިޔައިދީ! ބުނޭ އިތުރު ޕްރޮޓެކްޝަން ބޭނުމޭ!"

އަހުސަން އެއްވެސް ޖަވާބެއް ނުދިނެވެ. ޒިޔާން ދިން ލަފާ އަހުސަނަށް ކަމުނުދިޔަހެން ޒިޔާނަށް ހީވިއެވެ. ނުވަތަ އެ ހިޔާލު އަހުސަނަށް ކަމުނުދިޔައީބާއޭ ޒިޔާން ހިތަށްއެރިއެވެ.

"އަހުސަން؟" ޒިޔާން ގޮވައިލިއެވެ.

"ޝައްކު ކުރެވޭ މީހާއަށް ކިހިނެއް ކިޔައިދޭނީ؟" އަހުސަން ސުވާލުކުރިއެވެ.

އެ ވަގުތު މަނާރަތުގެ ފޯނެއް އަންނަން ފެށުމުން އަހުސަންގެ ވައިބާ ކޯލު ކެނޑުނެވެ. ޒިޔާން ފޯނަށް ބަލައިލައިފައި މަނާރަތުގެ ފޯނު ނެގިއެވެ.

"ގަޑިން ވީ އިރު އެނގޭތަ؟" ޒިޔާން ސުވާލުކުރިއެވެ.

ގަޑިން ކޮންމެ އިރެއް ވިޔަސް މަނާރަތަކަށް ނުނިދުނެވެ. ޒިޔާން ގޮވައިގެން ސައިކަލުދުއްވަން ދާން މަނާރަތު ރޭވި އިރާއި އަދި ދިޔަ އިރު ވެސް މަނާރަތު ހުރީ ވަރަށް އުފަލުންނެވެ. ފަހުން ހިނގައިދިޔަ ކަންތައްތަކާ މެދު މަނާރަތު ހިތްހަމަނުޖެހެން ފެށީ ވަގުތު ފާއިތުވި ފަހުންނެވެ. އެ ހިސާބުން މަނާރަތު ބޭނުންވަނީ ހުރިހާ ތުހުމަތެއް ޒިޔާންގެ ބޮލުގައިއަޅުވާށެވެ.

"އަހަރެން އެހާ ޗީޕެއް ނުވާނެ!" މަނާރަތު ބުންޏެވެ.

"ކާކުތަ ބުނީ މަނާ ވަރަށް ޗީޕޭ؟" ޒިޔާން ސުވާލުކުރިއެވެ.

"ޒިޔާން ހިތަށްއަރާނެ އަހަރެން މީ ކޮން ކަހަލަ ބޮސްއެއް ހޭ!" މަނާރަތު ނުކުތާއެއް ފާހަގަކުރަން މަސައްކަތްކުރިއެވެ. "ދަންވަރުދަޅައިގަ ޒިޔާން ސައިކަލު ފަހަތަށް ލައިގެން ގޮސް އެ ފާޑަށް އުޅުނީމަ ޒިޔާން ހީކުރާނެ އަހަންނަކީ ވަރަށް ކަޑަ މީހެކޭ. އެކަމަކު ޒިޔާނަށް ޓްރަސްޓުކުރާތީ އަހަރެން.."

"މަނާ! މަނާ! އަޑުއަހާބަލަ!" މަނާރަތުގެ ވާހަކަ މެދުކަނޑައިލައިފައި ޒިޔާން ބުންޏެެވެ. "ތީ އަހަރެން ހީކުރާނެހެން މަނާއަށް ހީވާ ގޮތް. އެކަމަކު އަހަރެން އެހެނެއް ހިޔެއްނުކުރަމޭ! އަހަރުމެން ދެ މީހުންނަށް ވެސް މިހާރު އެނގޭނެ އަހަރުމެންނަކީ ބޮސްއަކާ ސްޓާފެއް ނޫންކަން. އަހަރެން ދެކެ މަނާ ލޯބިވޭ! މަނާ ދެކެ އަހަރެން ވެސް ލޯބިވޭ! އެކަކު ވެސް އެހެން ނުބުނާކަން. މަނާ އެއްގޮތަކަށް ވެސް ހާސްވާނެކަމެއް ނެތް. ރަސްމީ ހައިސިއްޔަތުން ތީ އަހަރެންގެ ބޮސް. ވަރަށް ރެސްޕެކްޓު ކުރާނަން. ކިޔަމަން ވެސް ވާނަން. ހެޕީ؟ ރިލެކްސް!"

މަނާރަތު އެއްޗެއް ނުބުނެ ފޯނުކަނޑައިލިއެވެ. އެއް ކަމެއް މަނާރަތަށް ކަށަވަރުވެއްޖެއެވެ. މަނާރަތު ބޭނުން ގޮތަކަށް ޒިޔާން ނެއްޓުވިދާނެއެވެ. ރުހުމުގައި ނޫނިއްޔާ ގަދަކަމުންނެވެ. އެ ބާރު މަނާރަތަށް ލިބިއްޖެއެވެ. މަނާރަތު ބުނި ކޮންމެ ކަމެއް ޒިޔާން ޖެހޭނީ ކުރާށެވެ. އެހެން ނުވެއްޖެ ނަމަ މަނާރަތަށް ބާރުގެ ބޭނުން ކުރެވިދާނެއެވެ. މަނާރަތު ފޯނު ހާވަން ފެށިއެވެ. ބޭނުންވާ ފައިލު ހޯދައިލިއެވެ. އަޑުއަހައިލިއެވެ.

"އަޅެ ޕްލީޒް!" މަނާރަތު ބުނާ އަޑު އިވެއެވެ. "އައި ބެގް ޔޫ! އަޅެ ޕްލީޒް ތިހެން ނަހަދާ! އަހަރެން ދޫކޮށްލާ! ޕްލީޒްޕްލީޒް!"

ޒިޔާންގެ ކަރަށް މަޅިއެއް ފައްތަން އެ ވަރު ފުދޭނެއެވެ. މަނާރަތުގެ މަގާމަށް ނުރައްކަލެއް ކުރިމަތިކޮށްފާނެހެން ހީވާ ކޮންމެ މީހަކު ކަސްތަޅު އަޅުވަން މަނާރަތު ބޭނުންކުރާ ހަތިޔާރަކީ އަމިއްލަ ހަށިގަނޑެވެ. ތިމާގެ ރީތިކަމެވެ. މަގާމަށް ވުރެ މުހިންމު އެއްޗެއް މަނާރަތަކަށް ނެތެވެ. އަމިއްލަ ދިރިއުޅުމާއި، ޒަވާޖީހަޔާތާއި، އަބުރު ވެސް މަނާރަތު ގުރުބާން ކުރާނެއެވެ.

ހިނގައިދިޔަ ހާދިސާގެ ސަބަބުން ޒިޔާންގެ ހިތުގައި ލޯބީގެ ހުޅުގަނޑު ފަޅައިގެންދިޔައެވެ. ކުރިޔަށް ވުރެ ބޮޑަށް މަނާރަތު ދެކޭ ހިތްވިއެވެ. އެ ޖަޒުބާތު ކޮންޓުރޯލުކުރަން ޒިޔާނަށް އުނދަގޫވިއެވެ. ޒިޔާނަކީ މީހެއްގެ ފިރިޔެކެވެ. އެ ފަދަ މަގާމެއްގައި ހުރެގެން ޒިޔާނަށް ކުރެވުނީ ކޮށްގެން ނުވާނެ ކަމެކެވެ. އެ ހިސާބަށް ދާކަށް ޒިޔާންގެ ނިޔަތަކު ނެތެވެ. އެކަމަކު ދެވުނީއެވެ. އަމިއްލަ ނަފުސު ކޮންޓުރޯލު ނުކުރެވުނީއެވެ. ދީމާއަށް ދެރައެއް ދޭކަށް ޒިޔާން ގަސްތެއް ނުކުރެއެވެ. ދީމާގެ އެއްވެސް ކުށެއް ނެތެވެ. މަނާރަތުގެ ވެސް އެއްވެސް ކުށެއް ނެތެވެ. ޒިޔާން ކުށްވެރިކުރަނީ އަމިއްލަ ނަފުސެވެ. ޒިޔާންގެ ހިތުގައި މަނާރަތާ މެދު ޝައުގުވެރިކަން ނުއުފެދުނު ނަމަ، ރަތް ރޮނގު ހުރަސްނުކޮށް ޒިޔާނަށް ހުރެވުނީހެވެ. މީހަކަށް މީހަކު ގޯހެއް ނުވަތަ ރަނގަޅެއް ވެސް ނުކުރެވޭނެއެވެ. ޒިޔާން ގަބޫލުކުރާ ހަގީގަތަކީ އެއީއެވެ.

ޒިޔާންގެ ކުރިމައްޗަށް މަނާރަތު ނާންނަން އުޅޭހެން ޒިޔާނަށް ހީކުރުވަން މަނާރަތު މަސައްކަތް ފެށިއެވެ. ލަދުވެތިކަމަކީ ޒިޔާން ގަޔާވާ ސިފައެކެވެ. މުލަކު ދަތުރު ނިންމައިފައި މާލެއައީ، މާލެއިން ފުރި ޒިޔާނެއް ނޫނެވެ. ދީމާއަށް އެ ކަން ފާހަގަވިޔަ ނުދޭން ޒިޔާނަށް ކުރެވުނު ހުރިހާ ކަމެއް ކުރިއެވެ. ގެއަށް ވަނީއްސުރެ ޒިޔާން ހުރީ ދީމާ ގާތުގައި ސުވާލެއް އަހަން ކެތް މަދުވެފައެވެ. އެހެނަސް، ސުވާލު އަހާނެ ގޮތެއް ޒިޔާނަކަށް ނޭނގުނެވެ. ދަނޑިވަޅެއް ވެސް ނުލިބުނެވެ.

ރޭގަނޑުގެ ވަގުތެވެ. ދީމާއާއި ޒިޔާން ތިބީ އިނގެރޭސި ފިލްމެއް ބަލާށެވެ. އޭގެ އިތުރަށް ޒިޔާން ފޯނުގެ ކަވަރު ނައްޓައިލައިގެން ފޯނު ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއެވެ. ފިލްމުގައި އުޅެނީ ސިއްރު ލޯބިވެރިއެއް ގެންގުޅޭ ފިރިޔެކެވެ. ޒިޔާން އިނީ އެ ފިލްމު ބަލަން ކުޑަކޮށް އުނދަގޫވެފައެވެ. އެ ފިލްމުގައި އުޅޭ މީހާއަކީ ޒިޔާން ހެން ވެސް، ބައެއް ފަހަރު ޒިޔާނަށް ހީވެއެވެ. ބައެއް ހާދިސާތައް ވަރަށް ދިމާވެއެވެ.

"މި ވަރުވީމަ ދެން އެންމެ ރަނގަޅުވާނީ ދެ އަންބަށް އިނިއްޔާ ދޯ؟" ދީމާ ބުނި އަޑު އިވުނެވެ.

ޒިޔާން އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ގެއަށް އައިއްސުރެ ޒިޔާން ދައްކަން ބޭނުންވެފައިވާ ވާހަކައަކީ އެއީއެވެ. ކުއްލިއަކަށް ދީމާ އެ ވާހަކަ ފެށުމުން ޒިޔާނަށް ހީވީ ދޯންޏެއްގައި ދާން އުޅުނު ތަނަކަށް ޖެޓެއްގައި ދެވުނުހެންނެވެ. އެ ވަގުތު ޒިޔާންގެ ހިތުގެ ވިންދު އަވަސްވިއެވެ. ޒިޔާންގެ ހަށިގަނޑު ދީމާ ގާތުގައި އިނަސް ޒިޔާންގެ ނަފުސު ވިލާތަކު ތެރޭގައި އުދުހޭ ކަހަލައެވެ. ޓީވީން ފެންނަ އެއްޗަކާއި، އަތުގައި އޮތް ފޯނަކަށް ޒިޔާނަކަށް ސަމާލުކަމެއް ނުދެވުނެވެ. ފޯނަށް ކަވަރު ލެއްވި އިރު ވެސް ޒިޔާން ވިސްނުން ހުރީ މުޅީން އެހެން ދިމާއަކަށެވެ.

"އަސްލު ވެސް؟" ޓީވީއަށް ނުވެސް ބަލާކަމަށް ހެދިގެން އިނދެ ޒިޔާން އެހިއެވެ. "އަންބަކަށް ވެ ހުރެ ދީމާ ތިހެން ބުނެފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން."

"ހަރާން ކަމެއް ކުރުމަށް ވުރެ ހަލާލު ކަމެއް ކުރިއްޔާ މާ ރަނގަޅެއްނު!" ދީމާ ވަރަށް ސީރިއަސްކަމާ އެކުގައި ބުންޏެވެ. "އަނބިމީހާ ނުފުދިގެންތާ އެހެން އަންހެނަކާ ރައްޓެހިވާނީ. ދީން ހުއްދަ. ގާނޫނު ހުއްދަ. އަހަރެންގެ ފިރިމީހާ އެހެން އުޅުމަށް ވުރެ އަހަންނަށް ރަނގަޅީ ދެއަންބަށް ވިޔަސް އެ މީހަކާ މެރީކުރުން. ކޮބާ މައްސަަލައަކީ؟ އަހަރެން ވަރިނުކުރަންޏާ އަހަންނަށް އޯކޭ!"

ޒިޔާން ފުން ނޭވައެއް ބޭރުކޮށްލިއެވެ. އެ ވާހަކަ މަނާރަތު ގާތުގައި ބުނަން ޒިޔާން އިނީ ކެތްމަދުވެފައެވެ. ކުއްލިއަކަށް ޒިޔާނަށް "ފޯނެއް" އައެވެ. ފޯނު ރަނގަބީލުވީ އަޑު ނީވިއެވެ.

"ހަލޯ!" ޒިޔާން ވާހަކަދައްކަން ފެށިއެވެ. ޝައްކު ނުވާނެ ގޮތަށެވެ. "ލައްބަ! މި ދަނީ!"

ޒިޔާން ވަގުތުން ތެދުވިއެވެ. ގަޑިން އޭރު އެގާރަ ގަޑި ބައިވަނީއެވެ. ފުލުހުންނަކީ އެ ކަހަލަ ބައެކެވެ. ކޮންމެ ވަގުތަކު ވެސް ދާންޖެހިދާނެއެވެ. ދީމާ އެ ކަމަށް އާދަވެއްޖެއެވެ. ހަމަ އެހެންމެ ޒިޔާން ކޮންމެ ވަގުތަކު ވެސް ކުއްލި ޚަބަރެއް ދީފާނެކަން ދީމާއަށް އެނގެއެވެ. ދީމާ ހުރީ އެ ކަމަށް ވެސް ތައްޔާރުވެގެންނެވެ. ނުސީދާކޮށް ދީމާ ރުހުން ދިނީ އެ ކަމަށެވެ. ޒިޔާން ކޮޓަރިއަށް ވަދެފައި މަނާރަތަށް މެސެޖެއް ފޮނުވައިލަން ވެގެން ފޯނަށް ބަލައިލިއެވެ. ފޯނު އޮތީ ނިވިފައެވެ. ފޯނު ޖައްސަން އުޅެ އެ ކަމެއް ނުވިއެވެ. ފޯނު ތަންކޮޅެއް ލުއިކަން ޒިޔާނަށް އިހުސާސްކުރެވުނީ އެ ވަގުތުއެވެ. ރަނގަޅަށް ބަލައިލި އިރު ފޯނަކު ބެޓެރިއެއް ނެތެވެ. ޒިޔާނަށް ފޯނުގެ ކަވަރު ލެއްވުނީ ބެޓެރި ނުލައްވައެވެ. ޒިޔާނަށް ފޯނު "އައީ" ވެސް ފޯނުގައި ބެޓެރި ނެތީހެވެ. ދީމާއަށް އެ ކަން ފާހަގަވި ހެއްޔެވެ؟ ޒިޔާންގެ ހިތުގައި ފުރަތަމަ އުފެދުނު ސުވާލަކީ އެއީއެވެ. ބެޓެރި އޮންނާނީ ސޯފާ މަތީގައެވެ. ބެޓެރި ނަގަން ޒިޔާން ކޮޓަރިން ނުކުތް އިރު ދީމާ ހުރީ ދޮރުމަތީގައެވެ. ފޯނުގެ ބެޓެރި އޮތީ ދީމާ އަތުގައެވެ.

"ބެޓެރި!" ބެޓެރި ދިއްކޮށްލަމުން ދީމާ ބުންޏެވެ.

ޒިޔާން އިރުކޮޅެއް ވަންދެން ހުއްޓުން އަރައިފައި ހުއްޓެވެ. ދީމާ ބެޓެރި ދީފައި ގޮސް ސޯފާގައި ފިލްމުބަލަން އިށީނެވެ. އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. ޒިޔާން ކޮޓަރީގެ ދޮރު ލެއްޕިއެވެ. އެއްފަހަރު ވެސް ޒިޔާން ދޮރު ހުޅުވައިފައި ދީމާއަށް ބަލައިލި ނަމައެވެ. ފެންކަޅިވެފައިވާ ދީމާގެ ލޮލުން ފޭދުނު ކަރުނަ ޒިޔާނަށް ފެނުނީހެވެ. ހިތާމަތަކަށް އަނބިން ކެތްކުރަނީ ފިރިމީހާގެ ހަގީގަތް ނޭނގޭތީއެއް ނޫނެވެ. ކެތްކުރަން މަޖުބޫރުވެފައި ވާތީއެވެ. ލޯތްބަށް ޓަކައެވެ. ދަރިންނަށް ޓަކައެވެ. ނުވަތަ ކައިވެނި ސަލާމަތްކުރުމަށް ޓަކައެވެ.

ނުނިމޭ