ކޮވިޑް-19: ޕޮޒިޓިވްވި އަދަދު 87، ގިނައީ ރަށްރަށާއި ރިސޯޓުތަކުން
ކޮވިޑް-19: ޕޮޒިޓިވްވި އަދަދު 87، ގިނައީ ރަށްރަށާއި ރިސޯޓުތަކުން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 87 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 30 މީހުންނާއި އެހެން ހިސާބުތަކުން 13 މީހުންނާއި ރިސޯޓުތަކުން 41 އަދި ސަފާރީތަކުން ތިން މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ހުރީ 14،426 ގަ އެވެ.

އެއް ރިސޯޓަކުން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުންނެވެ. އެ ރިސޯޓުގެ 32 މުވައްޒަފުން ކޮވިޑަށް ޖެހިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެ އެވެ.

އެ ބަލިން 31 މީހުން މިއަދު ރަނގަޅުވެފައިވެ އެވެ. އެހެންވެ މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 901 މީހުންނެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ތިބީ ކޮވިޑަށް ފަރުވާ ހޯދާ 502 މީހުންނެވެ. ރިސޯޓުތަކުގައި 219 މީހުން އަދި މީހުން ދިރިއުޅޭ އެހެން ހިސާބުތަކުގައި ކޮވިޑަށް ފަރުވާ ހޯދާ 101 މީހުން އެބަތިއްބެވެ.

ރަށްރަށުގެ ތެރެއިން މި ވަގުތު އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދަނީ ގއ. ދެއްވަދޫގަ އެވެ. އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރައި އެ ކްލަސްޓާއާ ގުޅުންހުރި އިތުރު ބަޔަކު އެ އަތޮޅުގެ އެހެން ރަށްރަށުން ވެސް ފެނިފައިވެ އެވެ.