16 ޖެނުއަރީ 2021 - 21:14

ގއ. ދާންދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ، ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ އެ އަތޮޅު ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ބައެކެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އިސްމާއިލް މުހައްމަދު މިރޭ ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުންނަކީ މިދިޔަ ހޮނިހިރު ދުވަހު އަތޮޅު ފެރީ "ކޮއިމަލާ-4" އިން ދަތުރުކުރި ބައެއް ކަމަށެވެ. އެއީ އެ ދުވަހު ފެރީން ދަތުރުކުރި، 11 އަހަރުގެ ކުއްޖަކާއި 41 އަހަރާއި 66 އަހަރުގެ މީހެކެވެ. މީގެ ކުރިން، ދާންދޫން ޕޮޒިޓިވްވި ނުވަ އަހަރުގެ ކުއްޖެއްގެ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނުވަ އަހަރުގެ ކުއްޖަކު ވެސް ޕޮޒިޓިވްވެފައިވެ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ދާންދޫން ހަތް މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެ އެންމެންގެ ހާލު ރަނގަޅެވެ.
ކޮއިމަލާ ފެރީއަކީ، އެ އަތޮޅު ވިލިނގިލީގައި ކިޔަވާ ދާންދޫ ދަރިވަރު މިދިޔަ ހޮނިހިރު ދުވަހު ދަތުރުކުރި ފެރީ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ދުވަހު އަތޮޅު ފެރީން ދަތުރުކުރި އެންމެން ކަރަންޓީންވާން އަންގައިފަ އެވެ.
ދެއްވަދޫގައި ކޮވިޑް އުޅޭކަން ކަށަވަރުވީ މިދިޔަ މަހު 24ގައި ހަ މީހަކު ޕޮޒިޓިވްވުމުން ކަމަށް ވިޔަސް މިހާރު އެނގެނީ އެއަށް ވުރެ ކުރިން ވެސް އެ ރަށުގައި ބަލި ފެތުރެން ފަށާފައިވާކަމެވެ. އެ ކްލަސްޓާއިން ޕޮޒިޓިވްވި އަދަދު މިހާރު ވަނީ 60 އިން މައްޗަށް އަރައިފަ އެވެ.