ޝާނީ: ރާއްޖޭގެ ފުރަތަމަ އަންހެން މެޗު ކޮމިޝަނަރު
ޝާނީ: ރާއްޖޭގެ ފުރަތަމަ އަންހެން މެޗު ކޮމިޝަނަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި އެ މުބާރާތުގެ މެޗެއްގައި މަސައްކަތްކުރި ފުރަތަމަ އަންހެން މެޗު ކޮމިޝަނަރުގެ ޝަރަފް އެފްއޭއެމްގެ އެކްސްކޯ މެމްބަރު އައިމިނަތު ޝާނީޒް (ޝާނީ) އަށް ރޭ ލިބިއްޖެ އެވެ.

ޝާނީ މެޗު ކޮމިޝަނަރުކަންކުރީ ލީގުގައި ގްރީން ސްޓްރީޓްސް އިން 4-1 އިން އީގަލްސް ބަލިކުރި މެޗުގަ އެވެ.

ޝާނީ އެންމެ ފުރަތަމަ މެޗު ކޮމިޝަނަރުކަން ކުރީ 2017 ގައި ތިން ވަނަ ޑިވިޝަނުގެ މެޗެއްގަ އެވެ. އޭގެ ފަހުން ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ލިބޭ ފުރުސަތުތަކުގައި ތިން ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ މެޗުތަކުގައި އައީ މެޗު ކޮމިޝަނަރުކަން ކުރަމުންނެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އެފްއޭއެމްގެ އޭރުގެ މުވައްޒަފުން އެ ދާއިރާއިން އެކި ކަންތައްތައް ކިޔަވަމުން ދިޔައިރު މެޗު ކޮމިޝަނަރު ކޯހެއްގައި ޝާނީ ވެސް ބައިވެރިވި އެވެ. އެއީ މި ދާއިރާގެ އޮފީސް އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގެ އިތުރުން ދަނޑުގައި ވެސް ކުރެވިދާނެ އެކި ކަންކަން ތަޖުރިބާ ކޮށްލުމުގެ ގޮތުންނެވެ.

"އަސްލު އަންހެނަކަށް ވެފައި ޗެލެންޖެއްގެ ގޮތުގައި ނެގީ. ކުރިން ވެސް އެކި މެޗުތަކުގައި ކުރިން. ދެން ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގައި ކުރަން ކުރިން ވެސް ބުނި އެކަމަކު އޭރު އެހާ ޔަގީންކަމެއް ވެސް ނެތް. އެކަމަކު މި ފަހަރު ފުރުސަތު އައިމަ ބޭނުންހިފީ،" ޝާނީ، "މިހާރު" އަށް، ބުންޏެވެ.

"ޗެލެންޖެއްގެ ގޮތުގައި ނަގައިގެން މިކަމުން ވެސް ކުރިއަށްދާން ބޭނުމީ. މިއީ އެހެން އަންހެނުންނަށް ވެސް އޮތް ފީލްޑެއްކަން ދައްކައިދިނުމަކީ ވެސް ބޭނުމެއް."

އެފްއޭއެމްގެ މަަސައްކަތަކަށް ޝާނީ އެންމެ ފުރަތަމަ ނުކުތީ 2014 ގައި އަންހެން ފުޓްބޯޅައިގެ ހަރަކާތްތަކުގެ ތެރެއިން ވޮލަންޓިއަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2015 ގައި އަންހެން ފުޓްބޯޅައިގެ ޓެކްނިކަލް މަސައްކަތްތަކުގައި ބައިވެރިވުމަށް ފަހު ރަސްމީކޮށް އެފްއޭއެމްގައި އުޅެން ފެށީ އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް ފުރަތަމަ އިންތިހާބުވި ދައުރުގަ އެވެ. އެ ގޮތުން އެޑްމިނިސްޓްރޭޓިވް އެކި މަސައްކަތްތަކުގައި އުޅުނެވެ.

އެފްއޭއެމްގެ އެންމެ ފަހުން އިންތިހާބުވި ލީޑަޝިޕްގައި ބައްސާމްއާ އެކު އެކްސްކޯގެ އަންހެން މެމްބަރެއްގެ ގޮތުގައި ޝާނީ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މި ސީޒަނުގައި ކުރިއަށްގެންދަން ނިންމާފައިވާ އަންހެން ފުޓްބޯޅަ މުބާރާތްތަކުގައި ޝާނީގެ ދައުރު ބޮޑުވާނެ އެވެ.