16 ޖެނުއަރީ 2021 - 13:08

ނިއު ދިއްލީ (ޖެނުއަރީ 16) - ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިންޑިއާގައި މިއަދު ފެށިއިރު ފުރަތަމަ ވެކްސިން ދީފައި ވަނީ ސާފު ކުރުމުގެ މަސައްކަތުގައި އުޅޭ މީޖަކަށެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީ އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ބޮޑުވަަޒީރު ނަރެންދުރަ މޯދީ އެވެ. ވެކްސިން އެންމެ ފުރަތަމަ ދޭ ފްރަންޓްލައިން މަސައްކަތްތެރިންނަށް މޯދީ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"އަޅުގަނޑުމެން މި ފަށަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް. އަދި އެކަމުން ވެސް އަންގައިދެނީ އިންޑިއާގެ ގާބިލްކަން ހުރި މިންވަރު،" ވެކްސިން ޕްރޮގްރާމް ފައްޓަވައިދެއްވަމުން މޯދީ ވިދާޅުވި އެވެ.
ވެކްސިން ޕްރޮގްރާމް ފެށި ނަމަވެސް އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް މޯދީ އެދިވަޑައިގެންނެވި އެވެ. ވެކްސިންނާ ގުޅޭ ގޮތުން ފަތުރާ ދޮގު ވާހަކަތައް ގަބޫލް ނުކުރުމަށް ވެސް މޯދީ އެދިވަޑައިގެންނެވި އެވެ.
"ވެކްސިންތަކަށް ހުއްދަ ދީފައި ވަނީ ސައެންސްވެރިންނާއި ތަޖްރިބާކާރުންނަށް ވެކްސިންގެ ރައްކާތެރިކަމާ މެދު 100 ޕަސެންޓް އިތުބާރު ލިބުމުން،" މޯދީ ވިދާޅުވި އެވެ.
އިންޑިއާ އިން ހުއްދަ ދީފައިވާ ކޮވިޝީލްޑާއި ކޯވެކްސިންގެ އެތައް މިލިއަން ޑޯޒެއް ވަނީ ގައުމުގެ އެކި ހިސާބުތަކަށް ގެންގޮސްފަ އެވެ.
ފުރަތަމަ ބުރުގައި 10 މިލިއަން ހެލްތު ވޯކަރުންނަށް ވެކްސިން ދޭނެ އެވެ. އޭގެ ފަހުން ވެކްސިން ދޭނީ ފުލުހުންނާއި ސިފައިން، މުނިސިޕަލް އަދި ފްރަންޓްލައިން އެހެން މަސައްކަތްތެރިންނަށެވެ. ދެން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި 50 އަހަރު ފުރިފައި ނުވި ނަމަވެސް ބޮޑު ބައްޔެއްގައި އުޅެމުންދާ މީހުންނަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ވެކްސިން ދިނުމުގެ ކުރިން މިހާރު ވަނީ 700 ޑިސްޓްރިކްޓުގެ 600،000 ސްޓާފުންނަށް ތަމްރީނު ދީފަ އެވެ. ފުރަތަމަ ފޭސް އަމާޒުކޮށްފައި ވަނީ ހެލްތު ވޯކަރުންނާއި ފްރަންޓްލައިން ސްޓާފުންގެ 30 މިލިއަން މީހުންނާއި 50 އަހަރުން މަތީގެ 270 މިލިއަން މީހުންނަށެވެ.
އިންޑިއާ އިން ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިނެވެ. އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ވަނީ އޮކްސްފޯޑުގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދައިފަ އެވެ. މާޗް މަހާ ހަމައަށް ދާއިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސީރަމް އިން ބުނެ އެވެ. އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށް އިންޑިއާ އިން ބުނެ އެވެ.
ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ 28 ދުވަސް ފަހުންނެވެ. ފުރަމަ ޑޯޒަށް ފަހު ވެސް އިމުއުނިޓީ އުފެދޭނެ އެވެ. އެކަމަކު ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެވަނަ ޑޯޒް ދޭތާ 14 ދުވަސް ފަހުންނެވެ.
އިންޑިއާގައި ވެކްސިން ޖެހުން މަޖްބޫރެއް ނޫނެވެ. އެކަމަކު ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ވެކްސިން ދީފައިވާކަމުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.