07 ނޮވެމްބަރ 2016 - 10:56

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަށްވެހިވެފައިވާ ތަން ނޫން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްްޝަންސް ކޮމިޝަނުން ބުނިގޮތުގައި ރީރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ރީރަޖިސްޓްރީކުރަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް، ބާޖަމާލުއްދީން އިމާރާތުގައި ހުޅުވި އިންތިހާބާ ބެހޭ މަރުކަޒުގަ އެވެ.
އެ މަރުކަޒުގައި ރީރަޖިސްޓްރޭޝަނަށް 13 ކައުންޓަރެއް ވަނީ ބަހައްޓައިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ނަމްބަރު ނަގައިގެން، ރީރަޖިސްޓްރީގެ ފޯމު ހުށަހަޅާއިރު، ފޯމުލުމުން އެކަން ފުރިހަމަ ވިކަމުގެ އެސްއެމްއެސް ފޯނަށް ލިބޭނެ ކަމަށެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުން ރީރަޖިސްޓްރީވާން ޖެހެނީ، އެ ރަށެއްގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ ފޯކަލް ޕޮއިންޓުތަކުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.