17 ޖެނުއަރީ 2021 - 07:50

މިދިޔަ އަހަރު ކޮވިޑާ ހެދި މި އަހަރަށް ފަސްކުރަން ޖެހުނު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޮވެމްބަރު މަހަކީ އިންޑިއާގައި ފާހަގަކުރާ ކުލަގަދަ ދިވާލީ އޮންނަ މަހަށްވާތީ އެ މަހަކީ އާންމުކޮށް ބޮޑެތި ފިލްމުތައް ރިލީޒްކޮށް، ބޮޑެތި ކާމިޔާބީތައް ވެސް ހޯދަން މަގުފަހިވާ މަހެކެވެ. ނަމަވެސް ކޮވިޑާ ހެދި އިންޑިއާގެ ސިނަމާތައް މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބަންދުކުރުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލުން ހުޅުވަން ފެށި ނަމަވެސް ސިނަމާތަކުގެ ފޯރި އަދި ވައިގައި ހިފާ ގޮތެއް ނުވެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި ދެކުނު އިންޑިއާގެ ފިލްމު "މާސްޓާ" ސިނަމާތަކުގައި އަޅުވައިގެން ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ، ނޮވެމްބަރަށް "ގަންގްބާއީ ކަތިއަވާޅީ" ތާވަލުކޮށްފި ނަމަ، ފިލްމު ވަރަށް ހިނގާނެ ކަމަށް ބެލެވޭތީ އެ މަހުގެ ތެރޭގައި ފިލްމު ރިލީޒްކުރަން ބަންސާލީގެ ޓީމުން މަސައްކަޔްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެކަމަކު ފިލްމު ރިލީޒްކުރާނީ އެ މަހުގެ ކިހާ ހިސާބެއްގައި ކަމެއް ނޭނގެ އެވެ. ބަންސާލީގެ ޓީމުން ވެސް އަދި މިކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން މި އަހަރުގެ ދިވާލީ އަކީ ތިން އަހަރެއްހާ ދުވަހު އެކްޓިންއާ ދުރުގައި ހުރުމަށް ފަހު ޝާހްރުކް ޚާން އެނބުރި އަންނަ ފިލްމު "ޕަތާން" ވެސް ރިލީޒްކުރާނެ ކަމަށް ބެލެވޭ މަހެވެ. ރިޕޯޓްތައް ބުނާގޮތުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ މި ފިލްމު ގެނެސްދޭނީ ސީދާ ދިވާލީގެ ތެރޭގައި ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.
"ގަންގްބާއީ" އަކީ ޒުވާން ބަތަލާ އާލިއާ ބަޓާ އެކު ބަންސާލީ ގެނެސްދޭނެ ފިލްމެކެވެ. މީގައި ކިޔައިދޭނީ މުމްބާއީގައި 1960 ގެ އަހަރުތަކުގައި ނާސިގެތަކަށް ހިންގަން އުޅުނު ނުފޫޒު ގަދަ މާފިއާ ކްއީންއެއް ކަމަށްވާ ގަންގްބާއީގެ ވާހަކަ އެވެ.
އާލިއާ ޓައިޓްލް ރޯލު ކުޅޭ ފިލްމުގެ ބާކީ ހުރި މަންޒަރުތައް ޝޫޓްކުރުމުގެ މަސައްކަތް މި ވަގުތު ވެސް ފިލްމު ސިޓީގައި ހަދާފައިވާ ސެޓެއްގައި އަންނަނީ ކުރަމުންނެވެ. ބެލެވޭ ގޮތުން މި މަސް ނިމުމުގެ ކުރިން "ގަންގްބާއީ" ގެ ޝޫޓިން އެއްކޮށް ނިންމާނެ އެވެ.
ކޮވިޑްގެ ހާލަތު ކުރިމަތި ނުވި ނަމަ މި ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކޮށްފައި އޮންނާނެ ފިލްމެކެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޕަދުމާވަތު" އެވެ.