ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ އަށް ކޮވިޑް ޖެހިއްޖެ
ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ އަށް ކޮވިޑް ޖެހިއްޖެ

ޕެރިސް (ޖެނުއަރީ 16) - ދާދި ފަހުން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕީއެސްޖީން ކުރި ޓްވީޓެއްގައި ބުނީ އުމުރުން 48 އަހަރުގެ ޕޮޗެޓީނޯއާ ކޮވިޑް ޖެހުމާ އެކު އޭނާ މިހާރު ވަނީ އެކަހެރިކޮށްފައި ކަމަށާއި ސިއްހީ ޕްރޮޓޮކޯލްގެ ދަށުން ކްލަބުން ޕޮޗެޓީނޯ އަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް އަދާކޮށްދޭނެ ކަމަށެވެ.

ލީގުގައި މިއަދު އެންޖާސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދިނުމުގައި ބެންޗުން ހަރަކާތްތެރިވާނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ހެސޫސް ޕެރޭސް އާއި މިގޭލް ޑީއަގަސްޓީނޯ އެވެ.

ޕީއެސްޖީގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށީ ފާއިތުވި ހަފްތާގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ ފެނުނު ތިން ޕޮޒިޓިވް ކޭސް އައީ ކުޅުންތެރިންގެ ފަރާތުންނެވެ. ޕޮޒިޓިވްވި ކުޅުންތެރިންނަކީ ބްރެޒިލްގެ ރަފީނިއާ އާއި ޖަރުމަނުގެ ފުލްބެކް ތިލޯ ކެރާ އަދި ފްރާންސްގެ ޔޫތު ޓީމުގައި ހިމެނޭ ކޮލީން ޑަގްބާ އެވެ.

ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވެ ޕޮޗެޓީނޯ މިހާތަނަށް އެ ޓީމު ގޮވައިގެން ނުކުތީ ތިން މެޗެއްގަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ކުޅުނު މެޗަކީ މިދިޔަ ބުދަ ދުވަހު ފްރެންޗް ސުޕަ ކަޕް މެޗެވެ. އެ މެޗުގައި މާސޭ އަތުން 2-1 އިން މޮޅުވެ ޕީއެސްޖީން ސުޕަ ކަޕްގެ ތަށި އުފުލާލިއިރު މިއީ ޕޮޗެޓީނޯގެ 11 އަހަރުވީ ކޯޗިން ކެރިއަރުގެ ފުރަތަމަ ތަށްޓެވެ.

ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ވަކިކޮށްފައި ގެނައި ޕޮޗެޓީނޯ އަކީ ކުރިން ޕީއެސްޖީ އަށް ކުޅުނު ކުޅުންތެރިއެކެވެ. ކުރިން ޓޮޓެންހަމާއި އެސްޕަންޔޯލަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ޕީއެސްޖީއާ އެކު ސޮއިކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. އެ އެއްބަސްވުމުގައިވާގޮތުން ޕީއެސްޖީން ބޭނުންނަމަަ 2023 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އާ ކުރެވޭނެ ފުރުސަތު އޮވެ އެވެ.