ކުޅުން ހުއްޓާލައި ރޫނީގެ ފޯކަސް ކޯޗިން އަށް
ކުޅުން ހުއްޓާލައި ރޫނީގެ ފޯކަސް ކޯޗިން އަށް

ލަންޑަން (ޖެނުއަރީ 16) - ޑާބީ ކައުންޓީގެ ޕްލޭޔާ ކޯޗެއްގެ ޒިންމާ ނަގަމުން އައި އިންގްލެންޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ ކުޅުމުގެ ކެރިއަރު އެއްކޮށް ހުއްޓާލައިން ކޯޗިން އިން ކުރިއަށްދާން ނިންމައިފި އެވެ.

ކުޅުން ހުއްޓާލައި ރޫނީގެ ފޯކަސް ކޯޗިން އަށް
ކުޅުން ހުއްޓާލައި ރޫނީގެ ފޯކަސް ކޯޗިން އަށް

އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކޯޗުކަމުން މިދިޔަ ނޮވެމްބަރު މަހު ނެދަލެންޑްސްގެ ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެން ރޫނީ ވަގުތުން ހެޑް ކޯޗެއްގެ ޒިންމާއާ ހަވާލުވި އެވެ. ޑާބީ ކޯޗެއްގެ ގޮތުގައި މިހާތަނަށް ރޫނީ ވަނީ އެ ޓީމު ގޮވައިގެން ނުވަ މެޗެއްގައި ނުކުމެފަ އެވެ. ތިން މެޗުން މޮޅުވިއިރު، ހަތަރު މެޗުން އެއްވަރު އަދި ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޑާބީ އިން ބުނީ ރޫނީ އެ ކްލަބްގެ ކޯޗުގެ ވަޒީފާ ފުލްޓައިމްކޮށް ނަގަން ނިންމުމަކީ ކްލަބް ކުރިއަށްދާން ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެކަމަކު އޮތް ހިތާމަ އަކީ އިންގްލެންޑަށް އުފަންވި ހުނަރުވެރި ތަރިއެއްގެ ކުޅުމުގެ ކެރިއަރަށް ނިމުން އައުން ކަމަށް ބުނެފައިވެ އެވެ.

ޑާބީ ކޯޗުކަމާ 2023 ވަނަ އަހަަރުގެ ޖޫންގެ ނިޔަލަށް ހަވާލުވިއިރު ރޫނީ މި ޓީމާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ރޫނީ ބުނީ ޑާބީ އަށް ކޯޗުކޮށްދީފައި ހުރި ނަން މަޝްހޫރު މީހުންނަށް ބަލާއިރު އޭނާ އަށް މި ހުޅުވެނީ ކޯޗިން އިން ކުރިއަށްދާން ރަނގަޅު ދޮރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެވަޓަން އިން 2002 ވަނަ އަހަރު ކެރިއަރު ފެށި ރޫނީ އެންމެ ބޮޑަށް ފާހަގަވީ 2004 އިން 2017 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. ރޫނީ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެލަން ޝިއަރާ އެއް ވަނައިގައި 260 ގޯލާ އެކު އޮތްއިރު، ރޫނީ ވަނީ 208 ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައިވާ ރޫނީ ވަނީ އެ ޓީމާ އެކު ފަސް ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ރޫނީގެ ކެރިއަރުގައި އެވަޓަން އާއި ޔުނައިޓެޑް އަދި ޑާބީގެ އިތުރުން ދެން އޭނާ ކުޅުނީ އެމެރިކާގެ ޑީސީ ޔުނައިޓެޑް އަށެވެ.