16 ޖެނުއަރީ 2021 - 13:16

ބެއިޖިން (ޖެނުއަރީ 16) - ޗައިނާގެ ސިޓީއެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ކަރުބުޑުން ސާމްޕަލް ނަގަން ރޮބަޓް ބޭނުން ކުރަން ފަށައިފި އެވެ.

އުތުރުގެ ޝެންޔަން ސިޓީގައި ރޮބަޓް ބޭނުންކޮށްގެން ސާމްޕަލް ނަގަން ފެށީ އިންސާނުން ސާމްޕަލް ނަގާނަމަ، އެކަކު އަނެކެއްގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ. ކިޔޫގައި ތިބޭ މީހުންގެ އައިޑީ ކާޑު ސްކޭން ކުރުމާ އެކު އަނގަހުޅުވާލުމަށް މެސެޖެއް ލިބެ އެވެ. އޭގެ ފަހުން ޕްލާސްޓިކުން ކަވަރުކޮށްފައިވާ ރޮބަޓް އަތެއް ސްވެބް ސްޓިކަކާ އެކު ސްކްރީނެއްގައި ކަނޑައިފައި އިންނަ ތަނަކުން ނުކުމެ އެވެ. ސްވެބް ސްޓިކުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ރޮބަޓުގައި ހަރުކޮށްފައި އިންނަ ކެމެރާގެ އެހީގައި، ހަޒްމަތު ސޫޓުގައި މާ ދުރުގައި އިންނަ މީހެކެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޗައިނާގެ މެދުތެރޭގެ ހުބެއި ޕްރޮވިންސް އިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ނަމަވެސް އެ ގައުމުން ވަނީ ވައިރަސް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ދާދި ފަހުން ވަނީ އެ ގައުމުގެ ބައެއް ހިސާބުތަކުން ލޯކަލް އައުޓްބްރޭކްތައް ފެނި، ލޮކްޑައުން ކުރަން ޖެހިފަ އެވެ. ޗައިނާގެ ދެކުނު ހިސާބުތަކުގައި މިހާރު ވެސް ވަނީ 20 މިލިއަން މީހުން ކޮންމެވެސް ވަރެއްގެ ލޮކްޑައުނެއްގަ އެވެ. ޗައިނާގައި ދާދި ފަހުން ވަނީ ކޮރޯނާވައިރަހުގައި އަށް މަސް ތެރޭ ފުރަތަމަ ފަހަރަށް މީހަކު މަރުވެފަ އެވެ.