15 ޖެނުއަރީ 2021 - 22:49

ރާއްޖޭގައި އިތުރު 50 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ އިރުއޮއްސި ހަޔަކާ ހަމަޔަށް މާލެ ސަރަހައްދުން 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅު ތެރެއިން 16 މީހަކަށާއި ރިސޯޓުތަކުން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 ކޭސްތަކުގެ އަދަދު މި ފަހުން އަނެއްކާވެސް އުފުލިފައިވާއިރު މިހާރު މާލޭގެ އިތުރުން އެންމެ ގަދަޔަށް އެ ވައިރަސް ފެތުރިފައި ވަނީ ގއ. ދެއްވަދޫގަ އެވެ. އެ ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 35 އަށް ވަނީ އަރައިފަ އެވެ.
އެ ރަށުގައި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި ބަޔަކު ލ. އަތޮޅު ގަން އަދި ފޮނަދު އަށް ވެސް ދިޔަ އެވެ. އަދި އެ ދެ ރަށުން ވެސް ކޭސްތައް ފެނި މޮނިޓަރިންގައި އޮތުމަށް ފަހު މިއަދު ވަނީ އެ ހާލަތު އުވާލައިފަ އެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހި ރަނގަޅު ނުވެ ތިބީ 845 މީހުންނެވެ. އޭގެ ތެރެއިން 61 މީހަކަށް މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެ އެވެ.