15 ޖެނުއަރީ 2021 - 18:39

ވޮޝިންޓަން (ޖެނުއަރީ 15) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް ކޮންގްރެސްގައި ނެގި ވޯޓުގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރަކު އިމްޕީޗްކުރަން ވޯޓު ދިން މައްސަލައިގައި އެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައި ވަނިކޮށް މެންބަރުންނަށް ބިރުދައްކަން ފަށައިފި އެވެ.
ޓްރަމްޕް އިމްޕީޗް ކުރަން ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރިޕަބްލިކަން ޕާޓީގެ ތިން ވަނަ އަށް އެންމެ ސީނިއާ މެންބަރު ލިޒް ޗޭނީ ހިމެނެ އެވެ. އެ ވޯޓަށް ފަހު ޕާޓީގެ ލީޑަޝިޕް ރޯލުން އެކަމަނާ އިސްތިއުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ.
ކުރީގެ ނައިބް ރައީސް ޑިކް ޗޭނީގެ ދަރިކަނބަލުން ވިދާޅުވީ ކިތަންމެ ވަރަކަށް ފިއްތިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެ ވޯޓަކީ ޓްރަމްޕުގެ އަމަލުތަކުގެ ނަތީޖާ ކަމަށެވެ.
ޓްރަމްޕް އިމްޕީޗްކުރަން ވޯޓު ދިން ރިޕަބްލިކަން މެމްބަރުންނަށް ތަފާތު ބިރުތައް ކުރިމަތިކޮށް އިންޒާރުތައް ދެމުންދާތީ މިހާރު ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.
ރިޕަބްލިކަން އެހެން މެންބަރަކު ވިދާޅުވީ އޭނާ އާއި އިތުރު ބައިވެރިން މިހާރު ވަނީ ބޮޑީ އާމާ ގަނެ، އިންޒާރުތަކާ ގުޅިގެން ބައެއް ކަންކަން ބަދަލުކޮށްފައި ކަމަށެވެ.
ޓްރަމްޕް އިމްޕީޗްކޮށްފައި ވަނީ އެމަނިކުފާންގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.
ޓްރަމްޕް އިމްޕީޗްކުރަން ހައުސް އިން ފާސްކޮށްފައި ވަނީ 232-197 ވޯޓުންނެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ކޮންގްރެސްގެ ބައްދަލުވުމުގައި ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ގާނޫނު ހަދާ މަޖިލީސް ތެރޭގައި ހަމަނުޖެހުން ހިންގި ނަމަވެސް ޓްރަމްޕް އިމްޕީޗް ކުރަން ހައުސްގެ ބައްދަލުވުން ކުރިއަށް ދިޔަ އިރު ނޭޝަނަލް ގާޑުގެ ސިފައިން ދިޔައީ ކެޕިޓަލް އިމާރާތުގެ އެތެރެ އާއި ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.
ޓްރަމްޕް އިމްޕީޗްކުރި މައްސަލަ ދެން ފޮނުވާނީ ސެނެޓަށެވެ. ގާނޫނު ހަދާ މަޖިލީހުގެ މަތީ ގޭގައި ޓްރަމްޕުގެ މައްޗަށް ޝަރީއަތް ހިންގައި ކުށްވެރިވާ ކަމަށް ނިންމާނީ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. މިދިޔަ އަހަރު ވެސް ވަނީ އެ ގޮތަށް ކަންތައްވެފަ އެވެ. ރިޔާސީ އިންތިޚާބަށް ނުފޫޒް ފޯރުވަން ޔޫކްރޭނުގެ އެހީ ޓްރަމްޕް ހޯއްދެވި ކަމަށް ތުހުމަތުކޮށް ހައުސް އިން ޓްރަމްޕް އިމްޕީޗްކުރީ ޑިސެމްބަރު 2019 ގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސެނެޓުން ވަނީ ޓްރަމްޕް ކުށްވެރިނުވާ ކަމަށް ނިންމައިފަ އެވެ. އޭރު ސެނެޓުގެ ކޮންޓްރޯލް އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. ނަމަވެސް މިހާރު ސެނެޓުގައި ދެ ޕާޓީގެ މެންބަރުންގެ އަދަދު 50-50 އިން ހަމަހަމަ އެވެ. ޓްރަމްޕް ކުށްވެރި ކުރަން ރިޕަބްލިކަން ޕާޓީގެ މަދުވެގެން 17 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.
ޖެނުއަރީ 20 ގައި ޓްރަމްޕް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ސެނެޓުގައި ޝަރީއަތް ނުފެށިއްޖެ ނަމަ، އެ ޝަރީއަތް ކުރިއަށް ގެންދެވިދާނެކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.
ޓްރަމްޕް މަގާމުން ވަކިވުމަށް ފަހު ވެސް އިމްޕީޗްކޮށް ސެނެޓުގެ ޝަރީއަތުގައި ކުށްވެރިކުރަން ބޭނުންވާ ފަރާތްތަކުގެ އެއްބޭނުމަކީ ދައުލަތުގެ މަގާމަކަށް ޓްރަމްޕަށް ދެން ނާދެވޭނެ ގޮތް ހެދުމެވެ. އަނެއް ބޭނުމަކީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ޓްރަމްޕަށް ދިނުން ހުއްޓުވުމެވެ.
ޓްރަމްޕް ވަނީ 2024 ގެ އިންތިޚާބަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ސެނެޓުގެ އަޣުލަބިއްޔަތު ވޯޓުން ވެސް ޓްރަމްޕް ރިޔާސީ އިންތިޚާބަށް ކުރިމަތިލުން ހުއްޓުވިދާނެ އެވެ. ސެނެޓުގައި މިހާރު ތިބީ ދެ ޕާޓީގެ މެންބަރުން ހަމަހަމަ އަށް ކަމަށް ވިޔަސް ގޮތް ނިންމާ ވޯޓު ދޭނީ ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހަރިސް އެވެ.