ރޮނާލްޑޯ 2021ގެ ނިޔަލަށް ރެއާލުގައި މަޑުކުރަނީ
ރޮނާލްޑޯ 2021ގެ ނިޔަލަށް ރެއާލުގައި މަޑުކުރަނީ

މެޑްރިޑް (ނޮވެމްބަރު 7) – ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2021 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފި އެވެ.

ކުރިން 2018 ވަނަ އަހަރު ހަމަވާން އޮތް ކޮންޓްރެކްޓަށް ރޮނާލްޑޯ ތިން އަހަރު އިތުރުކުރުމާ އެކު އޭނާ އުމުރުން 36 އަހަރު ވަންދެއް އެ ކްލަބުގައި މަޑުކުރާނެ އެވެ. އާ ކޮންޓްރެކްޓާ އެކު ރޮނާލްޑޯގެ މުސާރައަށް ބަދަލެއް ނާދެ އެވެ. އޭނާ އަށް މިހާރު ހަފުތާއަކު ލިބެނީ 454،735 ޑޮލަރު (ގާތްގަނޑަކަށް 6.9 މިލިއަން ރުފިޔާ) އެވެ.

ރޮނާލްޑޯ ކޮންޓްރެކްޓް އާކުރުމުގެ ރަމްޒީ ރަސްމިއްޔާތު އޮންނާނީ މިއަދު ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ޕްރެޒިޑެންޝިއަލް ބޮކްސްގަ އެވެ. މި ރަސްމިއްޔާތުގައި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ފޯވާޑް ވަނީ އެ ކްލަބަށް 371 ގޯލް ޖަހައިދީފަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ލީގު އެއް ފަހަރު ހޯދައިފަ އެވެ.

ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ރެއާލުގައި ކެރިއަރު ނިންމާލުމަކީ ރޮނާލްޑޯގެ ހުވަފެނެއް ކަމަށެވެ.