15 ޖެނުއަރީ 2021 - 05:52

ޕެރިސް (ޖެނުއަރީ 15) - ކޮވިޑް-19 އާ ސްޓްރެއިންގެ ނުރައްކާ ޔޫރަޕްގެ ގައުމުތަކުގައި ބޮޑުވި ނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް ގެންނަން މިހާތަނަށް ޔުއެފާ އިން ނިންމާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮވިޑް-19އާ ހެދި މިދިޔަ އަހަރު ޔޫރަޕްގެ 12 ގައުމުގެ 12 ސިޓީގައި ބާއްވަން ނިންމާފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް މި އަހަރަށް ވަނީ ފަސްކޮށްފަ އެވެ. ކޮވިޑްގެ ނުރައްކާ ބޮޑުވެ މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ކުރިއަށްގެންދިޔައީ ކުއާޓާ ފައިނަލް އިން ފެށިގެން ހޯމް އެންޑް އަވޭ ފޯމެޓް ދޫކޮށް ސެންޓްރަލައިޒްކޮށް މިނީ ޓޯނަމެންޓް ފޯމެޓަށް އެއް ގައުމެއްގަ އެވެ.
ކޮވިޑް-19ގެ ހާލަތުން އެއްކޮށް ޔަގީންކަމާ އެކު އަރައިގަނެވޭނެ ސީދާ ތާރީހެއް ނޭނގޭތީ ރޭވިފައި އޮތް ޝެޑިއުލާ އެއްގޮތަށް ޔޫރޯ އާއި ޗެމްޕިއަންސް ލީގު ކުރިއަށް ނުގެންދެވިދާނެ ކަމަށް ބުނެ މީޑިއާގައި ވާހަކަ ދެކެވެން ފެށުމާ އެކު ޔުއެފާގެ އޮފިޝަލަކު ވަނީ އެކަން ދޮގުކޮށްފަ އެވެ.
"މިހާތަނަށް ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު ޔަގީންކަމާ އެކު ބުނެވޭނެ. އެ ދެ މުބާރާތުގެ (ޔޫރޯ އާއި ޗެމްޕިއަންސް ލީގު) ޝެޑިއުލަށް ބަދަލެއް ނެތް. ރޭވިފައި އޮތްގޮތަށް ކުރިއަށްދާނެ. އެ މަންޒަރު ފެންނަނީ،" ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އަށް ޔުއެފާގެ އޮފިޝަލަކު ބުންޏެވެ.
އެހެން ނަމަވެސް ސްވިޒަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ހެޑް ޑޮމިނިކް ބްލޯންކް ވިދާޅުވީ 12 ސަރަހައްދުގައި ޔޫރޯ ކުޅޭ ގޮތަށް މި ވަގުތު ރޭވިފައިވީ ނަމަވެސް އޭނާގެ ނަޒަރުގައި އެ ޝެޑިއުލަށް ބަދަލެއް އައުމުގެ ފުރުސަތު ބޮޑެވެ. ޔޫރޯގެ ދެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅެން ޝެޑިއުލްކޮށްފައި އޮތީ ކޮވިޑް-19ގެ އާ ސްޓްރެއިން އެންމެ ބޮޑަށް ފެތުރިފައިވާ ލަންޑަންގަ އެވެ.
ޔުއެފާގެ އޮފިޝަލް ބުނީ މިހާރު އޮތްގޮތުން ޔޫރޯއާ މެދު އެންމެ ފަހުގެ ގޮތެއް ނިންމާނީ މާޗް ފަސް ވަނަ ދުވަހު ކަމަށެވެ. މެޗުތައް ކުރިއަށްގެންދާނަމަ ސަޕޯޓަރުން ވެއްދުމުގައި އަމަލުކުރާނެ ހަތަރު އުސޫލެއްގެ މައްޗަށް ބިނާވެފައި އޮތް ފްރޭމްވޯކެއް ޔުއެފާ އިން ވަނީ މިހާރު ތައްޔާރުކޮށްފަ އެވެ. އެއީ 100 ޕަސެންޓް ސަޕޯޓަރުން ވައްދައިގެންނާއި 50 ޕަސެންޓް ސަޕޯޓަރުން ވައްދައިގެން ނޫނީ 20-30 ޕަސެންޓް ސަޕޯޓަރުން ވައްދައިގެން ނުވަތަ މިހާރު ގިނަ ކްލަބް މެޗުތައް ކުޅޭ ގޮތަށް ސަޕޯޓަރުން ނުވައްދާ ކުޅުމެވެ.
ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތައް އަންނަ މަހު ފަށަން ނިންމާފައިވާއިރު، އެކި ގައުމުތަކުން އޭގެ ކުރިން ކޮވިޑް-19ގެ ވެކްސިން ޖަހަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކި ގައުމުތަކުން އަންނަނީ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭ ގައުމީ ލެވަލްގެ އެތުލީޓުން ހިމަނަން މަސައްކަތްކުރަމުންނެވެ.