ސިފައިންގެ އެންލިސްޓެޑް އޮފިސަރުންގެ އެންމެ މަތީ މަގާމަށް އާ ބޭފުޅެއް
ސިފައިންގެ އެންލިސްޓެޑް އޮފިސަރުންގެ އެންމެ މަތީ މަގާމަށް އާ ބޭފުޅެއް

އެމްއެންޑީއެފްގެ އެންލިސްޓެޑް އޮފިސަރުންގެ އެންމެ މަތީ މަގާމަށް މިއަދު އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެންލިސްޓެޑް އޮފިސަރުންގެ އެންމެ މަތީ މަގާމު، "ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފް" ގެ މަގާމަށް ހަމަޖެއްސީ ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން އަލީ ކަމަށެވެ.

ބަންޑާރަކޮށީގައި ބޭއްްވި، މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، މަގާމުގެ ލިޔުން އަދުނާނާ ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. މަގާމުގެ ޒިންމާ ހަވާލުކުރުމުގެ ގޮތުން ދޭ "ސިލޭހަ" އަދުނާނާ ހަވާލު ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.

ސާޖަންޓް މޭޖާގެ މަގާމުގައި ކުރިން ހުންނެވީ ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާއަށް މިއަދު ޚިދުމަތުގެ އައްޑަނައެއް ދިން ކަމަށާއި އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.