14 ޖެނުއަރީ 2021 - 15:28

ދެ ގާޒީއެއްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ޖޭއެސްސީން ބަލަމުން އަންނަނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ ސުލޫކީ މައްސަލައެކެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަރިޔަމް ވަހީދު އާ ގުޅޭ ގޮތުން ބަލަމުން އަންނަނީ ސިވިލް ކޯޓުގައި ކުރިޔަށް ދިޔަ ތަންފީޒީ ގަޒިއްޔާއަކާ ގުޅޭ ހަސްމަކާ އެ ގަޒިއްޔާއާ ގުޅޭ ގޮތުން ޝަރީއަތުން ބޭރުން އޭނާ މުއާމަލާތް ކުރި މައްސަލައެއް ކަމަށެވެ. އަދި ހުކުމް ތަންފީޒް މައްސަލަތައް ބެލުމުގައި އަމަލު ކުރާ އުސޫލާ ކަނޑައެޅިގެން ހިލާފަށް މަރިޔަމް ވަހީދު އަމަލު ކުރި މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ސަމީރުއާ ގުޅޭ ގޮތުން ބަލަމުން އަންނަނީ ކްރިމިނަލް ކޯޓުގެ އަޑުއެހުމެއްގައި ގާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ނުދިނުމުން ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެ އިތުރުން ޝަރީއަތުގެ އަޑުއެހުން ކުރިޔަށް ގެންދިޔުމުގައި އެކަށީގެން ނުވާ ގޮތަށް ސަމީރު އަމަލުތައް ބެހެއްޓިކަމަށް ބުނާ މައްސަލައަކާއި ދަައުވާ ލިބޭ ފަރާތުގެ ވަކީލުން ކުށްވެރިކުރާ ފަދަ ގޮތަކަށް ވާހަކަ ދައްކައި އެ ވަކީލުންނާ މެދު ތައައްސަބެއް އޮތްކަން ހާމަވާ ފަދަ ގޮތަކަށް ގާޒީ އަމަލު ކުރުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މަރިޔަމް ވަހީދު އާއި ސަމީރު އަށް ތުހުމަތުވާ މި މައްސަލަތައް ބަލަން ޖޭއެސްސީން ނިންމާފައި ވަނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.