ޔޫކޭގައި ފެތުރޭ އާ ވޭރިއަންޓް ލަންކާ އިން ފެނިއްޖެ
ޔޫކޭގައި ފެތުރޭ އާ ވޭރިއަންޓް ލަންކާ އިން ފެނިއްޖެ

ކޮލަމްބޯ (ޖެނުއަރީ 14) - އިނގިރޭސިވިލާތުގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ސްރީ ލަންކާ އިން ފެނިއްޖެ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރާ ވިދާޅުވީ އާ ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ ދާދި ފަހުން ޔޫކޭ އިން ލަންކާ އަށް ދިޔަ މީހެއް ކަމަށެވެ. އަދި ކޮރޯނާވައިރަހުގެ އާދައިގެ ވައިރަހަށް ވުރެ އާ ވޭރިއަންޓް ތަފާތު ކަމަށާއި ފެތުރޭލެއް ވެސް މާ ހަލުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމަރަވީރާ ވިދާޅުވީ އާ ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ގައިޑްލައިންތައް ހަރުކަށި ކުރާނެ ކަމަށެވެ. އާ ވޭރިއަންޓް ފެނުނު ނަމަވެސް ބަލި ފެތުރޭ ރޭޓަށް ބަދަލެއް މިހާތަނަށް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓެސްޓްކުރުމާއި ފަރުވާ ދިނުމާއި ވައިރަސް މެނޭޖް ކުރުމުގެ ކަންކަމަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 50,229 މީހުން ޕޮޒިޓިވްވެ 247 މީހުން މަރުވެފަ އެވެ. އިއްޔެ ވަނީ 692 މީހުން ޕޮޒިޓިވްވެ ތިން މީހުން މަރުވެފަ އެވެ.