14 ޖެނުއަރީ 2021 - 12:53

ޖެނީވާ (ޖެނުއަރީ 14) - ކޮރޯނާވައިރަހާ ދެކޮޅަށް މުޅި ދުނިޔޭގައި މިހާތަނަށް 28 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކަލް ރަޔަން ވިދާޅުވީ 46 ގައުމަކުން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި ކަމަށެވެ. އޭގެ ތެރޭން 38 ގައުމަކީ އެންމެ މަތިން އާމްދަނީ ލިބޭ ގައުމުތައް ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާތަނަށް ވަނީ 28 މިލިއަން ޑޯޒް ދީފައި. އޭގެ ތެރޭގައި ތަފާތު ފަސް ވެކްސިން ހިމެނޭ،" ޑަބްލިއުއެޗްއޯގެ ސޯޝަލް މީޑިއާ އިވެންޓެއްގައި ރަޔަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ވެކްސިންގެ ޕްރޮގްރާމް ފަށާފައިވާ 46 ގައުމުގެ ތެރޭގައި މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތެރޭން ހިމެނެނީ އެންމެ ގައުމެއް ކަމަށެވެ.
ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު 2019 ގައި ފެނުނު ވައިރަހަށް މިހާތަނަށް ވަނީ 92,799,635 މީހުން ޕޮޒިޓިވްވެ 1,987,310 މީހުން މަރުވެފަ އެވެ.
ރަޔަން ވިދާޅުވީ ދެވަނަ އަހަރަކަށް އެޅިއިރު، ބަލިފެތުރޭ ގޮތުގެ ޗާޓަށް ބަލާއިރު އިތުރަށް އުނދޫވުން އެކަށީގެންވާ ކަމަށެވެ.