ބާސެލޯނާ ސުޕަ ކަޕުގެ ފައިނަލަށް
ބާސެލޯނާ ސުޕަ ކަޕުގެ ފައިނަލަށް

ކޯޑޮވާ، ސްޕެއިން (ޖެނުއަރީ 14) – ޕެނަލްޓީ ޖަހައިގެން 3-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރާނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުޅެ މޮޅުވާ ޓީމަކާ އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ބާސެލޯނާގެ ފްރެންކީ ޑި ޔޮންގް 39 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ސޮސިއެޑާޑަށް އެއްވަރުކޮށްދިނީ 51 ވަނަ މިނެޓުގައި އޮޔަރްޒަބަލް އެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނެތި އެ ޓީމު މޮޅުވި މި މެޗުގައި ބަތަލަކަށްވީ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން އެވެ. އޭނާ ވަނީ މެޗުގައި އަދި ޕެނަލްޓީ ޝޫޓްއައުޓުގައި ގިނަ ބޯޅަތަކެއް މަތަކޮށްފަ އެވެ.

ޕެނަލްޓީގައި ބާސެލޯނާގެ ފަސް ޕެނަލްޓީގެ ތެރެއިން ޑި ޔޮން އާއި އެންޓޮއިން ގްރިޒްމަން އަތުން ނާކާމިޔާބުވިއިރު އޮސްމާނޭ ޑެމްބެލޭ އާއި މިރެލަމް ޕިޔަނިޗް އަދި ރިކަޑް ޕުއިގް ކާމިޔާބުކުރި އެވެ. ސޮސިއެޑާޑުގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ބޭކާރުވިއިރު ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ.

ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި ކުޅޭ ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ފަހަތުގައި އޮތް ނަމަވެސް ފަހަކަށް އައިސް ނަތީޖާތައް ރަނގަޅުކޮށް މިހާރު މިއޮތީ ތަށްޓެއްގައި އަތްލުމުގެ ފުރުސަތު ހޯދައިފަ އެވެ. ބާސެލޯނާ މިދިޔަ ސީޒަން ނިންމާލީ ހުސްއަތާ އެވެ.

ކުރިން ލީގު ޗެމްޕިއަނުންނާއި ސްޕެނިޝް ކަޕް ޗެމްޕިއަނުންގެ މެދުގައި ފައިނަލެއްގެ އުސޫލުން ކުޅެމުން އައި ސުޕަ ކަޕް މިދިޔަ އަހަރުން ފެށިގެން ކުޅެނީ ހަތަރު ޓީމުގެ މެދުގައި ދެ ސެމީ ފައިނަލުގެ އުސޫލުންނެވެ. ސްޕެނިޝް ސުޕަ ކަޕް މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ކުޅުނު ނަމަވެސް އެ ގައުމުގައި ސަޕޯޓަރުން ވައްދައިގެން ކުޅެވޭނެ މާހައުލެއް ނެތުމުންނާއި ދަތުރުފަތުރުކޮށްގެން މި ވަގުތު މެޗުތައް ކުޅެން ކްލަބްތަކުން ނޭދޭތީ މި ފަހަރުގެ ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ކުޅެނީ ސްޕެއިނުގަ އެވެ.