15 ޖެނުއަރީ 2021 - 08:01

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު އިމްތިއާޒް އަލީ "ތައި މަސާޖް" ކިޔާ ކޮމެޑީ ފިލްމެއް ޕްރޮޑިއުސްކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމުގެ މައިގަނޑު ކާސްޓަށް މިހާރު ގަޖްރާޖް ރާއޯ އާއި ދިވްޔެންޑޫ ޝަރުމާ ސޮއިކޮށްފައިވާ ކަމަށެވެ. ގަޖްރާޖް، 50، އަކީ 2018 ގެ ކާމިޔާބު ފިލްމު "ބަދާއީ ހޯ" ގައި ކުޅުނު ރޯލުން އާންމުންގެ ސަމާލުކަން ހޯދި އެކްޓަރެވެ. މިދިޔަ އަހަރު "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި "ލޫޓްކޭސް" އިން ވެސް އޭނާ ފެނިފައިވެ އެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި "ތައި މަސާޖް" އަކީ ގަޖްރާޖްގެ ކެރެކްޓާގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ ވަރަށް މަޖާ ހާދިސާތަކެއް ފެންނާނެ ފިލްމެކެވެ.
ދިވްޔެންޑޫ އަކީ އާންމުކޮށް ފިލްމުތަކާއި ވެބް ސީރީޒްތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ އެކްޓަރެކެވެ. އޭނާގެ ވެބް ސީރީޒް "މިރްޒާޕޫރް 2" އަކީ މިދިޔަ އަހަރު އެންމެ ހިނގި އެއް ސީރީޒެވެ.
ހަންގާމާ އިން ބުނިގޮތުގައި "ތައި މަސާޖް" ފުދޭ ވަރެއްގެ ބޮޑު ކާސްޓެއް ފެނިގެންދާ އިރު، އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަވެމުންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ 2019 ގައި ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް ގެނެސްދިން "މަލާލް" ގެ ޑައިރެކްޓަރު މަންގޭޝް ހަޑަވާލޭ އެވެ.
"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިމްތިއާޒް އެންމެ ފަހުން ޕްރޮޑިއުސްކުރި ފިލްމަކީ 2018 ގެ "ލައިލާ މަޖުނޫ" އެވެ. އޭނާގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ މިދިޔަ އަހަރުގެ "ލަވް އާޖް ކަލް" އެވެ.