އިމްޕީޗްކުރުމާ މެދު އެއްޗެއް ވިދާޅު ނުވެ ޓްރަމްޕްގެ ވީޑިއޯއެއް
އިމްޕީޗްކުރުމާ މެދު އެއްޗެއް ވިދާޅު ނުވެ ޓްރަމްޕްގެ ވީޑިއޯއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރަން ގާނޫނޫ ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރިތާ ގިނަ އިރެއް ނުވެ ޓްރަމްޕް ވީޑިއޯ މެސެޖެއް ދެއްވި ނަމަވެސް އިމްޕީޗްކުރުމާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ.

ކޮންގްރެސްގެ އިމާރާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގަން ސަޕޯޓަރުންނަށް ހިތްވަރުދެއްވުމުގެ ތުހުމަތުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ނެގި ވޯޓާ އެކު ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ތަކުރާރުކޮށް އިމްޕީޗްކުރި ފުރަތަމަ ރައީސެވެ.

އެކަމަކު އޭގެ އިރުގަނޑެއް ފަހުން ވައިޓް ހައުސް އިން އާއްމުކުރި ވީޑިއޯގައި އިމްޕީޗްމެންޓާ މެދު އެއްޗެކޭ ވިދާޅު ނުވެ ޓްރަމްޕް ވާހަކަދެއްކެވީ އެންމެން ވެސް ސުލްހަވެރިކަންމަތީ ތިބެން އިލްތިމާސްކުރައްވަ އެވެ. އަދި ކޮންގްރެސްގެ ތެރެއަށް ވަދެގަތް މީހުންނަކީ އޭނާގެ "ހަގީގީ ސަޕޯޓަރުން ނޫން" ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހަގީގީ އެއްވެސް ސަޕޯޓަރަކު ސިޔާސީ ހަމަނުޖެހުންތަކަށް ތާއީދެއް ނުކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ ބުދަދުވަހު ކެޕިޓަލްގައި ބޮޑު ހަމަނުޖެހުމެއް ހިންގައި އެ ކަމުގެ ތެރޭގައި ފަސް މީހަކު މަރުވި ހާދިސާ ހިނގައިގެން އުޅުނު ވަގުތު ޓްރަމްޕް ދެއްވި ފުރަތަމަ މެސެޖުގައި އޭނާގެ ސަޕޯޓަރުންނަށް ނިސްބަތްކުރައްވައި ވާހަކަދެއްކެވި ގޮތް މުޅިން ތަފާތެވެ. އެ މީހުންނަކީ "ވަރަށް ޚާއްސަ" ބައެއް ކަމަށާއި އެ މީހުން ދެކެ "އަޅުގަނޑުމެން ލޯބިވޭ" ކަމަށް ޓްރަމްޕް އޭރު ވިދާޅުވި އެވެ.

އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ.

ހައުސް އިން ޓްރަމްޕް އިމްޕީޗުކުރިޔަސް އޭނާ މަގާމުން ދުރުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އަދި ޓްރަމްޕްގެ ދައުރު ހަމަވާން އެންމެ ހަތް ދުވަހަށް ވެފައިވާ އިރު ސެނެޓުން އިމްޕީޗްމެންޓާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުން ނިންމައިފި ނަމަ އިތުރު ވޯޓެއް ނަގައި އޭނާ އަށް ދެން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށާއި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ފާސްކުރެވިދާނެ އެވެ. ޓްރަމްޕްގެ ދައުރު ހަމަވިޔަސް އޭނާގެ އިމްޕީޗްމަންޓް ޓްރަޔަލް ސެނެޓުގައި ކުރިއަށް ގެންދާނީ މި ސަބަބަށެވެ.