14 ޖެނުއަރީ 2021 - 12:00

ވޮޝިންޓަން (ޖެނުއަރީ 14) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށްވެފައިވާއިރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން އެމަނިކުފާން ރޭ އިމްޕީޗްކުރުމުން ދެން ކަންތައް ވާނެ ގޮތަކާ މެދު ދަނީ ސުވާލުތައް އުފައްދަމުންނެވެ.

ކޮންގްރެސްގެ ބައްދަލުވުމެއް މި މަހު 6 ވަނަ ދުވަހު ކުރިއަށް ދަނިކޮށް ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެ ހިންގި ހަމަނުޖެހުމުގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވިދާޅުވަނީ އެ ހަމަނުޖެހުމަށް ހިތްވަރު ދެއްވީ ޓްރަމްޕް ކަމަށްވާތީ އެވެ. އެ މައްސަލައިގައި ކޮންގްރެސްގެ ދަށުގެ އިން ޓްރަމްޕް އިމްޕީޗްކުރުމުން ދެން ކަންތައް ވެދާނެ ގޮތް ތިރީގައި އެވަނީ އެވެ.

ހައުސް އިން އިމްޕީޗްކުރުމުން ދެން އެ މައްސަލަ ދާނީ ސެނެޓަށެވެ. މިދިޔަ އަހަރު ވެސް ވަނީ އެ ގޮތަށް ކަންތައްވެފަ އެވެ. ރިޔާސީ އިންތިޚާބަށް ނުފޫޒް ފޯރުވަން ޔޫކްރޭނުގެ އެހީ ޓްރަމްޕް ހޯއްދެވި ކަމަށް ތުހުމަތުކޮށް ހައުސް އިން ޓްރަމްޕް އިމްޕީޗްކުރީ ޑިސެމްބަރު 2019 ގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސެނެޓުން ވަނީ ޓްރަމްޕް ކުށްވެރިނުވާ ކަމަށް ނިންމައިފަ އެވެ. އޭރު ސެނެޓުގެ ކޮންޓްރޯލް އޮތީ ރިޕަބްލިކަން ޕާޓީއަށެވެ.
ވައިޓް ހައުސް އިން ނުކުމެވަޑައިގަތުމަށް ޓްރަމްޕަށް ދެން އޮތީ ހަފުތާއެއްހާ ދުވަހެވެ. އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން ޖެނުއަރީ 20 ގައި ހުވާ ކުރައްވާނެ އެވެ. އެހެންވެ ޓްރަމްޕް މަގާމުން ވަކިވުމަށް ފަހު ސެނެޓުގައި ޝަރީއަތް ކުރިއަށް ގެންދެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
އެމެރިކާގެ ސެނެޓް މިހާރު އޮތީ ރެސެސްގައި ކަމަށްވާތީ ޖެނުއަރީ 19 ގެ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މަތީ ގޭގެ ބައްދަލުވުމެއް ބޭއްވިދާނެކަމަކަށް ނުބެލެވެ އެވެ.
ސެނެޓުގެ ރިޕަބްލިކަން މެޖޯރިޓީ ލީޑަރު މިޗް މެކޯނެލް ވިދާޅުވެފައި ވަނީ ސެނެޓުގައި ޖެނުއަރީ 20 ގެ ކުރިން ޝަރީއަތް ހިނގާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ ދުވަހު ޓްރަމްޕް މަގާމުން ވެސް ވަކިވާނެ އެވެ.
މެކޯނެލްގެ އޮފީހުން ބުނީ ޖެނުއަރީ 20 ގެ ކުރިން ސެނެޓް އެއްކުރާ ނަަމަ ހުރިހާ މެންބަރުންގެ ރުހުން އެކަމަށް ބޭނުންވާނެ ކަމަށެވެ. ސެނެޓުގެ ޖުމްލަ އަދަދު ކަމަށްވާ 100 މެންބަރުންގެ ތާއީދު އެކަމަށް ހޯދުމަކީ ނާދިރު ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
އެކަމަކު ޑިމޮކްރެޓިކުން އެކަމަށް ދެކޮޅެވެ. ސެނެޓުގެ ޑިމޮކްރެޓިކް މައިނޯރިޓީ ލީޑަރު ޗަކް ޝުމާ ވިދާޅުވީ 2004 ވަނަ އަހަރުގެ ގަރާރެއްގެ ދަށުން، މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އިމަޖެންސީ ބައްދަލުވުމެއް ބޭއްވިދާނެ ކަމަށެވެ.
ހައުސް އިން ޓްރަމްޕް އިމްޕީޗްކުރުމުން، އިމްޕީޗްކުރުމުގެ ލިޔުން ސެނެޓަށް ފޮނުވާނެ ވަގުތެއް ނިންމާނީ ހައުސްގެ ސްޕީކަރު ނެންސީ ޕެލޯސީ އެވެ. ވަގުތުން އެ ލިޔުން ފޮނުވިދާނެ އެވެ. އަދި ބައިޑަން ހުވާ ކުރެއްވުމަށް ފަހު ވެސް އެ ލިޔުން ސެނެޓަށް ފޮނުވިދާނެ އެވެ.
ސެނެޓަށް ލިޔުން ލިބުމުން މެކޯނެލް އަދި ހައްދަވާނެ ގޮތެއް ނޭނގެ އެވެ. އެންމެ ފަހުން ޓްރަމްޕް އިމްޕީޗް ކުރި ފަހަރު، ސެނެޓާ ހަމައަށް އެ މައްސަލަ ދިއުމުން އެކަން ނާކާމިޔާބުކޮށްލަން ރިޕަބްލިކަން ހުރިހާ ސެނެޓަރުން އެއްގަލަކަށް އެރުވުމަށް މެކްކޯނެލް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް ސެނެޓުގައި ވޯޓު ދެއްވި ހަމައެކަނި ރިޕަބްލިކަން މެންބަރަކީ ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި ޔޫޓާގެ ސެނެޓާ މިޓް ރޮމްނީ އެވެ.
އެކަމަކު ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޓްރަމްޕް މިފަހަރު ކުރެއްވީ އިމްޕީޗްކުރާ ވަރުގެ ކުށެއް ކަމަށް މެކޯނެލް ވެސް ގަބޫލް ކުރައްވާ ކަމަށެވެ. މިއީ ޓްރަމްޕުގެ ކިބައިން ރިޕަބްލިކަން ޕާޓީ ސަލާމަތް ކުރަންވީ ވަގުތު ކަމަށް މެކްކޯނެލް ދެކޭ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.
ސެނެޓުގައި ރައީސް ކުށްވެރި ކުރަން ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެ އެވެ. އޭގެ މާނައަކީ ރިޕަބްލިކަން ޕާޓީގެ މަދުވެގެން 17 ސެނެޓަރުން ޑިމޮކްރެޓިކުންނާ ގުޅުމެވެ.
ޖެނުއަރީ 20 ގައި ޓްރަމްޕް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ސެނެޓުގައި ޝަރީއަތް ނުފެށިއްޖެ ނަމަ، އެ ޝަރީއަތް ކުރިއަށް ގެންދެވިދާނެކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. މިއީ މީގެ ކުރިން ދިމާވި ހާލަތެއް ނޫނެވެ. ގާނޫނީ އިލްމުގެ ބައެއް ތަޖްރިބާކާރުން ބުނާ ގޮތުގައި ކުރީގެ ރައީސެއްގެ މައްޗަށް ސެނެޓުގައި ޝަރީއަތް ހިންގިދާނެތޯ ބެލުމަކީ ޚިޔާލުތަފާތުވާ މައްސަލައެކެވެ.
އެމެރިކާގެ ތާރީޚުގައި މީގެ ކުރިން އިމްޕީޗްކުރި ތިން ރައީސުން ވެސް އިމްޕީޗްކޮށްފައި ވަނީ އެ މީހުންގެ ވެރިކަމުގެ ދައުރުގެ ތެރޭގަ އެވެ. ކުރިން އިމްޕީޗްކޮށްފައި ވަނީ ޓްރަމްޕް، ބިލް ކްލިންޓަން އަދި އެންޑްރޫ ޖޯންސަން އެވެ. ޓްރަމްޕް ގޮތަށް 1868 ގައި އިމްޕީޗްކުރި ޖޯންސަން އާއި 1998-1999 ގައި އިމްޕީޗްކުރި ކްލިންޓަން ވެސް ވަނީ ސެނެޓުން ސަލާމަތްވެފަ އެވެ.
މީގެ ކުރިން ސެނެޓުން ވަނީ ކުރީގެ ސެނެޓަރުންނާއި ފަނޑިޔާރުން މަގާމުން ވަކިވި ފަހުން ވެސް ހައުސްގައި އިިމްޕީޗްކޮށް ސެނެޓުގައި ޝަރީއަތް ހިންގައިފަ އެވެ.
ޓްރަމްޕް މަގާމުން ވަކިވުމަށް ފަހު ވެސް އިމްޕީޗްކޮށް ސެނެޓުގެ ޝަރީއަތުގައި ކުށްވެރިކުރަން ބޭނުންވާ ފަރާތްތަކުގެ އެއްބޭނުމަކީ ދައުލަތުގެ މަގާމަކަށް ޓްރަމްޕަށް ދެން ނާދެވޭނެ ގޮތް ހެދުމެވެ. އަނެއް ބޭނުމަކީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ޓްރަމްޕަށް ދިނުން ހުއްޓުވުމެވެ.
ޓްރަމްޕް ވަނީ 2024 ގެ އިންތިޚާބަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ސެނެޓުގެ އަޣުލަބިއްޔަތު ވޯޓުން ވެސް ޓްރަމްޕް ރިޔާސީ އިންތިޚާބަށް ކުރިމަތިލުން ހުއްޓުވިދާނެ އެވެ. ސެނެޓުގައި މިހާރު ތިބީ ދެ ޕާޓީގެ މެންބަރުން ހަމަހަމަ އަށް ކަމަށް ވިޔަސް ގޮތް ނިންމާ ވޯޓު ދޭނީ ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހަރިސް އެވެ.