ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު
ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު

ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅު ކެންޑިޑޭޓުންނަށް ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް ދަތުރު ކުރުމުގައި ހުރަސްތައް ހުއްޓަސ،ް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރަށްރަށަށް ދަތުރުކޮށް، ސަރުކާރުގެ ކެންޑިޑޭޓުންނަށް ސީދާ އަދި ނުސީދާކޮށް ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އެކަމަކު އިދިކޮޅު ކޯލިޝަނަށް އެ ފުރުސަތު ނުލިބޭ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް، ޕީއެންސީ ކެންޑިޑޭޓުންނަށް ވެސް އަދި ލީޑާޝިޕަށް ވެސް ދަތުރުފަތުރު ކުރެވޭނެ ގޮތާއި ހަމަހަމަ ފުރުސަތުތައް އަޅުގަނޑުމެންނަށް ލިބޭނެ ގޮތަށް މި ގައިޑްލައިން ތައްޔާރުކޮށް ދެއްވާށޭ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބޮޑެތި އިންތިޚާބުތައް ބާއްވާފައި އެބަހުރި ކަމަށާއި އެކަމުން ވެސް އެނގެނީ މި ސަރުކާރުގެ ރޭވުންތެރިކަމެއް ނެތް ކަން ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އަދި ގިނަ ތައްޔާރީތައް ނުފެށި އޮތުމުން އިންތިިޚާބު އިންސާފުވެރި ވެދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނުކުރާނެ ކަމަކަށް ވެސް. އެހެން ނަމަވެސް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިކަންކަމަށް ފާރަވެރިވާނަން އަދި މިކަންކަމާ ބެހޭގޮތުން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އަޑު އުފުލާ ނަން. އަދި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ހައްގުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ވެސް ދާނަން،" ހީނާ ވިދާޅުވި އެވެ.

ހިނާ ވިދާޅުވީ އިންތިޚާބު ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަނީ އިންތިޚާބުން ބަލިވާނެ ކަން ސަރުކާރަށް އެނގޭތީ ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް މަޝްރޫއުތައް އިއުލާން ކުރިޔަސް، ރައްޔިތުން އެކަންކަން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.