ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލަން އެމްޓީސީސީއަށް
ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލަން އެމްޓީސީސީއަށް

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު އިއްޔެ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މި މަޝްރޫއު އަންނަ ހަފުތާގެ އާދީއްތަ ދުވަހު އެމްޓީސީސީއާ ހަވާލު ކުރާނެ އެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ތައާރުފުކުރަނީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާ އެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލައި މިހާރު ދެމުންދާ ދޯނި ފެރީގެ ހިދުމަތުގެ ބަދަލުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ދޭން ވަޒީރުން މަޖިލީހުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލާއިރު، އެއް ރީޖަން އަނެއް ރީޖަން އާއި ވެސް ގުޅުވާލާނެ އެވެ.

ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލުމަށް ތިން ގޮތެއް ވަނީ ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން "ކޮމިއުޓް ލިންކް"، އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދީ އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކޮށްފައިވާއިރު "ނަން-ކޮމިއުޓް" ލިންކް ހާއްސަ ކޮށްފައިވަނީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށެވެ. އަދި "ހައިވޭ ލިންކް" އަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބަކާ ގުޅުވައިދޭނެ ހިދުމަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.