ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލްކޮށްފި
ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ހިފެހެއްޓީ ގޯސްކޮށްކަމަށް، ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލްކުރެއްވުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއާ އެކު އެމަނިކުފާނުގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް އަމަލްކުރީ ބޭރަށް ވަޑައިގެންފި ނަމަ ފިއްލަވާފާނެކަމުގެ ފުރުސަތު އޮތުމުންނެވެ. އެކަމަކު އެ އަމުރު މުރާޖައާކުރަން ކްރިމިނަލް ކޯޓަށް އޭނާ ހުށައެޅުއްވި އެވެ. އަދި އޭނާ އެނބުރި ވަޑައިގަންނަވާނެކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ބައެއް ޝަރުތުތައް ވެސް އެ ހުށައެޅުމުގައި ހިމެނުއްވި އެވެ. އެކަމަކު މުރާޖައާކުރުމުގެ ބަދަލުގައި، ކްރިމިނަލް ކޯޓުން އެންގީ މަތީ ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރެވިދާނެ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އަމުރު ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކުރެއްވުމުން، އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ގޯސް ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގެ މައިގަނޑަކީ، ޝަރީއަތަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖިހާދުގެ ވަކީލަކު ވިދާޅުވި ގޮތުގައި، ބޭރަށް ވަޑައިގަތުމަށް ޖިހާދު ކްރިމިނަލް ކޯޓަށް ހުށައެޅުއްވި ކަންކަން އެމަނިކުފާނާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުންނުކުރެވޭނެ ކަމެވެ.

އިސް ފަނޑިޔާރަކަށް ހާތިލް ހިލްމީ އިންނަވައިގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު އަބްދުއްރައުފު އިބްރާހިމެވެ.

ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ފިއްލަވާފާނެ ކަމަށް ބަލައިގެންނެވެ. އެކަމަކު މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދޭއިރު ގާނޫނީ ގޮތުން ފުރިހަމަ ވާން ޖެހޭ ތިން ކަމެއްގެ ތެރެއިން، އެ އަމުރު ބިނާކުރި "ފިިލައިގެން ދާން އުޅޭ ކަމުގެ ހެކި"، ޖިހާދާ ދެކޮޅަށް ނެތް ކަމަށް، ހައި ކޯޓުން ނިންމި އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި ޖިހާދު ފިއްލަވާފާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި އޮތަސް، ބޭރަށް ހަމައެކަނި ފުރާވަޑައިގަތުމަކީ ފިއްލަވާފާނެކަމުގެ ހެއްކެއް ނޫނެވެ.

"މި މައްސަލާގައި ދައުލަތުން ހަވާލާދީފައިވާ ހެއްކަކީ އަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ބޭނުންވާކަން އެނގޭ ހެއްކެވެ. އެ ހެއްކަކީ އަބްދުﷲ ޖިހާދު ދިވެހިރާާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭކަމުގެ ހެއްކެއް ނޫނެވެ،" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

"ވީމާ އެ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވާތީ، އަބްދުﷲ ޖިހާދު ފުރުން މަނާކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ... ނުދެކެމެވެ."

ހައި ކޯޓުގެ ބޭރުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ އެމަނިކުފާނުގެ ބޭސްފަރުވާއަށާއި އަދި އާއިލާއާ ބައްދަލުކުރައްވަން ދުބާއީއަށް ވަޑައިގަންނަވަން ޓިކެޓް ވެސް ނަންގަވައި، ހޮޓަލަށް ލާރި ވެސް ދެއްކެވި ފަހުން، ޕާސްޕޯޓް ހިފެހެއްޓުމަކީ "މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް" ކަމަށެވެ.

"އެ ހުރިހާ ކަމެއް ބޭކާރުވެގެން މި ދިޔައީ. އަނެއް ކަމަކީ އަޅުގަނޑުގެ ބޭސްފަރުވާ. ބޭސްފަރުވާއާ ބެހޭ ހުރިހާ ޑޮކިއުމެންޓެއް، މެޑިކަލް ސެޓްފިކެޓްތައް ވެސް ހުށައެޅިން،" ޖިހާދު ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުން އެޔަކަށް ވެސް ރިއާޔަތެއް ނުކުރައްވާ. މިއީ ވަރަށް ހިތްހަމަނުޖެހޭ ކަމެއް. އަނިޔާއެކޭ ދަންނަވާކަށް ބޭނުމެއް ނޫން."