13 ޖެނުއަރީ 2021 - 14:29

ޖަކާޓާ (ޖެނުއަރީ 13) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އިން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަނޑަށް ވެއްޓުނު ބޯއިން 737 ގެ މަތިންދާ ބޯޓުގެ ކަޅުފޮށި ކަނޑު އަޑިން ނަގައިފި އެވެ.
ބަޖެޓް އެއާލައިނެއް ކަމަށްވާ ސްރިވިޖާޔާ އެއާގެ ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑަރު ޖާވާ ކަނޑުން ނެގި ނަމަވެސް ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އޮފިޝަލުން އުއްމީދުކުރަނީ ބްލެކް ބޮކްސް އިން ލިބޭ މައުލޫމާތުން، ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް އެހީތެރިވާނެ ކަމަށެވެ.
ސްރިވިޖާޔާ އެއާގެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ ފުރިތާ ހަތަރު މިނިޓް ފަހުންނެވެ. ވެސްޓް ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓިއަނަކަށް ދަތުރުކުރަމުން ދިޔަ ބޯޓުގައި 62 މީހުން ތިއްބެވެ. އޭގެ ތެރޭގައި 50 ފަސިންޖަރުންނާއި 12 ފަޅުވެރިން ހިމެނެ އެވެ. ފަސިންޖަރުންގެ ތެރޭގައި ހަތް ކުޑަ ކުދިންނާއި ތިން ކުއްތުކުދިން ވެސް ހިމެނެ އެވެ. ބޯޓު ވެއްޓިފައި އޮތީ 23 މީޓަރު (75 ފޫޓު) އަޑީގަ އެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ދަނީ 3،600 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންނެވެ.
އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ތެރޭގައި އެ ބޯޓު އޮތީ ގްރައުންޓްކޮށްފައި ކަމަށެވެ. އަދި ބޯޓު ދަތުރު ކުރުމަށް އިންސްޕެކްޓްކޮށް ހުއްދަ ދީފައި ވަނީ ޑިސެމްބަރު 14 ގައި ކަމަށް ބުނެފައިވެ އެވެ. އޭގެ ފަސް ދުވަސް ފަހުން އެ ބޯޓު ވަނީ ޕަސިންޖަރުންނާ ނުލައި ދަތުރެއް ކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. ކޮމާޝަލް ދަތުރުތައް ފަށާފައި ވަނީ ޑިސެމްބަރު 22 ގަ އެވެ.
ވެއްޓުނު ބޯޓު ޖަކާޓާ އިން ފުރީ ހޮނިހިރު ދުވަހު މެންދުރު ފަހު އިންޑޮނީޝިއާ ގަޑިން 14:36 ގަ އެވެ. ބޯޓާ އެންމެ ފަހުން ގުޅިފައިވާ ކަމަށް ރެކޯޑްކޮށްފައި ވަނީ 14:40 ގަ އެވެ. ޖަކާޓާ އިން ޕޮންޓިއަނަކަށް ދަތުރުކުރަން އާއްމުކޮށް ނަގަނީ 90 މިނިޓެވެ. ފްލައިޓް ޓްރެކިން ވެބްސައިޓަކުން ބުނެފައިވާ ގޮތުގައި ބޯޓު ވަނީ މިނިޓެއްހާއިރު ތެރޭ 3،000 މީޓަރު (10،000 ފޫޓް) އަށް ތިރިވެފަ އެވެ.
ވެއްޓުނު ބޯއިން 737-500 ބޯޓުގެ ރަޖިސްޓްރޭޝަންގައިވާ ގޮތުގައި އެއީ 26 އަހަރުވެފައިވާ ބޯޓެވެ. އެއާލައިނުގެ ޗީފް އެގްޒެކެޓިވް ޖެފަސަން އިރްވިން ޖައުވެނާ ވިދާޅުވި ގޮތުގައި ބޯ ވިއްސާރައިގެ ސަބަބުން ބޯޓު ފުރުން 30 މިނިޓަށް ލަސްކުރަން ޖެހުނެވެ. ސީއީއޯ ވިދާޅުވީ ކުރިން އެމެރިކާގެ ކޮންޓިނެންޓަލް އެއާލައިންސް އަދި ޔުނައިޓެޑް އެއާލައިންސްގައި ބޭނުންކުރި ބޯޓު އޮތީ ދަތުރު ކުރަން ރަނގަޅު ހާލަތުގައި ކަމަށެވެ.
ނަމަވެސް އެއީ ބޯއިން 737 މެކްސް މަރުކާގެ ބޯޓެއް ނޫނެވެ. ދާދިފަހުން ވަނީ އެ މަރުކާގެ ބޯޓުތަކުގެ ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ. އޮކްޓޯބަރު 2018 ގައި ލަޔަން އެއާގެ ބޯއިން 737 މެކްސްގެ ބޯޓެއް ޖަކާޓާ އިން ފުރިތާ 12 މިނިޓް ފަހުން ވެއްޓި 189 މީހުން މަރުވި އެވެ. އޭގެ ފަހުން ވަނީ 737 މެކްސްގެ ބޯޓެއް އިތިއޯޕިއާ ވެއްޓުމުން، އެ މަރުކާގެ ހުރިހާ ބޯޓެއް ގްރައުންޓް ކުރަން ޖެހިފަ އެވެ.
ސްރިވިޖާޔާ އެއާގެ ބޯޓު ގެއްލިފައި ވަނީ ޖަކާޓާގެ އުތުރުން 20 ކިލޯ މީޓަރު (12 މޭލު) ދުރުންނެވެ.
އިންޑޮނީޝިއާގެ އިތުރުން ސައުތުއީސްޓް އޭޝިއާގެ މަންޒިލްތަކަށް 2003 ވަނަ އަހަރު ދަތުރުތައް ފެށި އެއާލައިނުގެ ބޯޓަކަށް މީގެ ކުރިން މިފަދަ ނުރައްކާ ހާދިސާއެއް ދިމާވެފައެއް ނުވެ އެވެ. ނަމަވެސް ރަންވޭ އިން ބޯޓު ކަހާލުން ފަދަ އެކްސިޑެންޓްތައް ހިނގާފައިވެ އެވެ.