ނަސްލީ ފުރައްސާރައަކަށްވާ ނަމެއް ކިޔާތީ ޗީޒެއްގެ ނަން ބަދަލުކުރަނީ
ނަސްލީ ފުރައްސާރައަކަށްވާ ނަމެއް ކިޔާތީ ޗީޒެއްގެ ނަން ބަދަލުކުރަނީ

ޗީޒް ބްރޭންޑެއްގެ ގޮތުގައި އޮސްޓްރޭލިއާގައި މަޝްހޫރު "ކޫން" ޗީޒްގެ ނަން 80 އަހަރަށް ފަހު ބަދަލުކޮށް، އެ އުފެއްދުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިބްރޭންޑްކުރަން ނިންމައިފި އެވެ.

ނަސްލީ ފުރައްސާރައަކަށްވާ ނަމެއް ކިޔާތީ ޗީޒެއްގެ ނަން ބަދަލުކުރަނީ
ނަސްލީ ފުރައްސާރައަކަށްވާ ނަމެއް ކިޔާތީ ޗީޒެއްގެ ނަން ބަދަލުކުރަނީ

ނަން ބަދަލުކުރަނީ "ކޫން" އަކީ ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ އަދި ކަޅު ނަސްލުގެ މީހުންނަށް ނިސްބަތްވާ ގޮތަށް ބޭނުންކުރުމުގެ ތާރީހެއް އޮތް ލަފުޒަކަށް ވާތީ އެވެ. އެހެންވެ "ކޫން" ޗީޒްގެ ނަން ބަދަލުކުރަން ގޮވާލައި އޮސްޓްރޭލިއާގެ އެކްޓިވިސްޓް ގްރޫޕްތަކުން މީގެ 10 ވަރަކަށް އަހަރު ކުރިން ވެސް ކެމްޕޭންތަކެއް ކޮށްފައިވެ އެވެ.

ނަމަވެސް "ކޫން" ޗީޒް ނެރޭ ވޯނަމްބޫލް ޗީޒް އެންޑް ބަޓާ އިން ޗީޒްގެ ނަން ބަދަލުކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ. މި އަހަރުގެ ޖުލައި މަހު "ކޫން" ޗީޒް މާޒީވެ، އެ ޗީޒްގެ ނަން "ޗިއާ" އަށް ބަދަލުވާނެ އެވެ. މި ނިންމުމާ ގުޅިގެން އޮސްޓްރޭލިއާގެ މީހުންގެ މެދުގައި ވަނީ މަސްހުނި ހިޔާލުތަކެއް އުފެދިފަ އެވެ. އެއް ބަޔަކު އެ ނިންމުމަށް މަރުހަބާ ކިޔާފައިވާ އިރު، ނަމެއް ބަދަލުކުރަމުން އަންނާނެ މާ ބޮޑު ބަދަލެއް ނޯންނާނެ ކަމަށް ބުނެ ބައެއް މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ.

"ކޫން" ޗީޒް ނަން ބަދަލުކުރަން ގޮވާލަމުން ދިޔަ ކެމްޕޭންގައި އެންމެ އިސްކޮށް ހުރި މީހަކީ އޮސްޓްރޭލިއާގެ ލިޔުންތެރިޔާ/އެކްޓިވިސްޓް ސްޓީވެން ހޭގަން އެވެ.

"ކޫން" ޗީޒް އޮސްޓްރޭލިއާގައި ނެރޭ ކުންފުނީގެ ބެލެނިވެރި ކުންފުނި ކަމަށްވާ ކެނެޑާގެ ސަޕޫޓޯ ޑެއިރީ އޮސްޓްރޭލިއާގެ ޗީފް އެކްޒެކެޓިވް ލީނޯ ސަޕޫޓޯ ވިދާޅުވީ އާ ނަމަކަށް "ޗިއާ" ކިޔަން ނިންމީ އެ ނަމަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ނަމަކަށްވާތީ އެވެ.

"އެއީ ހުރިހާ ހާލަތަކާ ވެސް ގުޅޭ ނަމެއް." އޭނާ ވިދާޅުވި އެވެ.

"ކޫން" އެ ނަމުގެ އަސްލަކީ 1920 ގެ އަހަރުތަކުގައި އެމެރިކާގައި ޗީޒްގެ ވިޔަފާރިކުރި އެޑްވަޑް ވިލިއަމް ކޫން އެވެ.

ނަމަވެސް "ކޫން" ވަކިން ބޭނުންކުރުން ވެފައި އޮތީ ނަސްލީގޮތުން ކަޅު މީހުންނަށް ނިސްބަތްކުރާ ލަފުޒަކަށެވެ.

"ކޫން" ޗީޒްގެ ނަން ބަދަލުކުރަން މި ނިންމީ މިދިޔަ އަހަރު އެމެރިކާގައި އެންމެ ބޮޑަށް ހޫނުވި ނަސްލީ ތަފާތުކުރުންތަކާ އެކު އެކަމާ ދެކޮޅަށް ފެށުނު "ބްލެކް ލައިވްސް މެޓާ" ކެމްޕޭންގެ ވެސް ތެރެއިން އެވެ. އެ ކެމްޕޭންގެ ތެރެއިން ކުރިން ވެސް މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ނަންތައް ނަސްލީ ތަފާތުކުރުންތަކަށް ރައްދުވާތީ ބަދަލުކޮށްފައިވެ އެވެ.