ދޫނިދޫގެ ގޮޅިތަކެއް ފަޅާލައި ބަޔަކު ފިލަން އުޅެފި
ދޫނިދޫގެ ގޮޅިތަކެއް ފަޅާލައި ބަޔަކު ފިލަން އުޅެފި

ކ. ދޫނިދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލްގެ ގޮޅިތަކެއް ފަޅާލައި ރޭ ބަޔަކު ފިލަން މަސައްކަތްކޮށްފި އެވެ. އެކަމަކު، ފިލައިގެން ދިއުމުގެ ކުރިން އެ މީހުން ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ގޮތުގައި ރޭ ދަންވަރު 3:05 ހާއިރު ދޫނިދޫ ކަސްޓޯޑިއަލްގެ ގޮޅިއެއްގެ ތަޅު ހަލާކުކޮށްލައިގެން މީހަކު ނުކުމެ، އެހެން ގޮޅިތަކުގައި ތިބި މީހުން ފިލުވަން ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެކަން ކޮންޓްރޯލްކޮށް، ނުކުތް ގައިދީން އަލުން ގޮޅިތަކަށް ވައްދައި ދޫނިދޫގައި ބަންދުކޮށްފައި ތިބި ގައިދީންގެ އަދަދު ގުނުމަށް ފަހު ހަމަކޮށް ކަށަވަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓޯޑިއަލްގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަނީ އެޅިފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ގޮޅިން ނުކުތް މީހާ ވަނީ އިތުރު ބައެއް ގޮޅިތަކުގެ ތަޅު ވެސް ހަލާކުކޮށްލައިފަ އެވެ. އެ ގޮތުން، ހައެއްކަ ގައިދީންނަށް ގޮޅިތަކުން ނުކުމެވުނު ކަމަށްވެ އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވެ ކަސްޓޯޑިއަލް ބަލަަހައްޓާ ފުލުހުން ވަނީ ނުކުތް މީހުން ހިފަހައްޓައި އަލުން ގޮޅިތަކަށް ވައްދާފައި ކަމަށް ވެސް ވެ އެވެ.

ދޫނިދޫގައި ބައިތިއްބަނީ އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނެވެ. އަދި ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރާާ މީހުން ވެސް މި ތަނުގައި ހައްޔަރުކުރެ އެވެ.