ޔާމީނަށް ހުކުމް އިއްވުން އަންނަ ހަފުތާއަށް ފަސްކޮށްފި
ޔާމީނަށް ހުކުމް އިއްވުން އަންނަ ހަފުތާއަށް ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި ހުކުމް އިއްވުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ހުކުމް އިއްވަން ފުރަތަމަ ތާވަލްކުރީ އަންނަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގަ އެވެ. އަދި އެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލިކަން ވަނީ ސާބިތުވެފަ އެވެ.

މި ހުކުމުގެ އިސްތިއުނާފުގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަމުގައި ހަރުދަނާ ހެއްކެއް ދެއްކިފައި ނެތް ކަމަށެވެ. ވޮޑަމުލާ ކުއްޔަށް ދޫކުރުމާ ޔާމީނާ އެއްވެސް ގުޅުމެއް އޮތް ކަމަށް އޭސީސީން ވެސް ތުހުމަތު ނުކުރާއިރު، ހަމައެކަނި އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބުނާ ބުނުމެއް އެކަނި ކަމަށާއި އެކަމަކު އެއީ އަދުލުވެރި ހެކިން ކަމަށް ބެލެވޭނެ ގޮތެެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހޯއްދަވަން އުޅުއްވީ ސިޔާސީ މަސައްކަތްތަކަށް ލިބިިވަޑައިގެންފައި ހުރި ފައިސާގެ ތެރެއިން އަދީބުގެ އަތުގައި ހުރި ފައިސާތަކެކެވެ.

ނަމަވެސް ދައުލަތުން ބުނަމުން އަންނަނީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއާ ގުޅޭ މައްސަލައެއް ބަލާކަން އޭސީސީން ޔާމީނަށް އަންގައި އެ ފައިސާ ހަވާލުކުރަން އެންގުމުން އެ ފައިސާ އެކައުންޓުގައި ބަހައްޓައި އެހެން ފައިސާތަކެއް އޭސީސީއާ ހަވާލުކޮށްފައި ވާތީ ފައިސާގެ އަސްލު އޮޅުވާލައި އެއިން މަންފާ ހޯއްދެވިކަން ސާބިތުވާ ކަމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.