07 ނޮވެމްބަރ 2016 - 00:58

ލިވަޕޫލް (ނޮވެމްބަރު 7) - ވެޓްފޯޑް އަތުން 6-1 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ލިވަޕޫލް އަރައިފި އެވެ.

ލީގުގައި ކޮންމެ ޓީމެއް 11 މެޗު ކުޅެފައިވާއިރު ލިވަޕޫލް އެއް ވަނަ އަށް އެރީ 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު ޗެލްސީ އެވެ. ތިން ވަނައިގައި 24 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ހަތަރު ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އާސެނަލް އެވެ. އެ ޓީމު ވަނީ މިއަދު ޓޮޓެންހަމްއާ 1-1 އިން އެއްވަރުވެފަ އެވެ. ޓޮޓެންހަމް އޮތީ 21 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ސިޓީ އާއި އާސެނަލުން ނަގާލުމުން ލިވަޕޫލް ވަނީ ލީގުގެ އެއް ވަނަ އަށް އެރުމަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ސަޑިއޯ މާނޭ ދެ ލަނޑު ޖެހިއިރު އެހެން ލަނޑުތައް ޖެހީ ފިލިޕޭ ކޯޓީނިއޯ، އެމްރޭ ޗާން، ރޮބާޓޯ ފިރްމީނޯ އަދި ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.
މިރޭގެ މެޗުގައި އިތުރު ލަނޑު ޖަހަން ލިވަޕޫލުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މިގޮތުން ލޫކަސް ލީވާ އާއި ޑެނިއަލް ސްޓަރިޖަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ސްޓަރިޖް ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ. މިއީ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބަލިނުވެ ހަމަކުރި 19 ވަނަ މެޗެވެ. ވެޓްފޯޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ނެދަލެންޑްސްގެ ފުލްބެކް ޑަރިލް ޔަންމާތު އެވެ.
އާސެނަލާއި ޓޮޓެންހަމް ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަކުޅުމެކެވެ. މެޗުގެ 42 ވަނަ މިިނިޓްގައި އާސެނަލުން ލީޑުނެގީ ޓޮޓެންހަމްގެ ކެވިން ވިމާސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ފުރަތަމަ ހާފްގައި އާސެނަލްގެ ތިއޯ ވޮލްކޮޓް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ.
ޓޮޓެންހަމަށް ދެ ވަނަ ހާފްގައި އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން އެވެ. މި ޕެނަލްޓީ އަކީ އާސެނަލް އޭރިއާ ތެރެއިން ޓޮޓެންހަމްގެ މޫސާ ޑެމްބެލޭ އަށް އާސެނަލްގެ ލޯރެންޓް ކޮޝިއެލްނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މެޗުން ޓޮޓެންހަމް މޮޅުކޮށްދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ކްރިސްޓިއަން އެރިކްސަން އަށެވެ. އާސެނަލް އޭރިއާ ތެރެއިން އެރިކްސަން ފޮނުވާލި ބޯޅަ އާސެނަލް ކީޕަރު ޕެޓަ ޗެކް ވަނީ މަތަކޮށްފަ އެވެ.
މިރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ރެލިގޭޝަންގައި އޮތް ސްވަންސީ ސިޓީ އަތުން 3-1 އިން މޮޅުވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްކޮށްފައިހުރި އިރު މި މެޗުގައި ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފްގައި ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ޒަލަޓަން އިބްރަހިމޮވިޗް އެވެ. އަނެއް ލަނޑު ޖެހީ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅޭނެ ކަމަށް ބެލެވުނު ޕައުލް ޕޮގްބާ އެވެ. ސްވަންސީގެ ހަމައެކަނި ލަނޑު ޖެހީ ވެން ޑަ ހޫން އެވެ.
މި މޮޅާ އެކު ޔުނައިޓެޑް ވަނީ ކުޅުނު 11 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. މިރޭގެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ އަށް ލަނޑެއް ކާމިޔާބު ނުކުރެވެ އެވެ. މިރޭގެ ލަނޑުތަކާ އެކު އިބްރަހިމޮވިޗް ވަނީ ފުޓްބޯޅަ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފަ އެވެ. އެހެން ނަމަވެސް މި މެޗުގައި އޭނާ އަށް ދެއްކި ރީނދޫ ކާޑާ އެކު ވަނީ ލީގުގައި ފަސް ރީނދޫ ކާޑު ހަމަވެ ދެން އޮތް އާސެނަލް މެޗަށް ސަސްޕެންޑްވެފަ އެވެ.
މިރޭ ކުޅުނު އަނެއް ދެ މެޗުގެ ނަތީޖާއަށް ބަލާއިރު ސައުތެމްޓަން އަތުން ހަލް ސިޓީ 2-1 އިން މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ވަނީ 2-1 އިން ވެސްޓް ބްރޮމް އަތުން ބަލިވެފަ އެވެ.