12 ޖެނުއަރީ 2021 - 14:59

ގދ. ތިނަދޫގައި އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ފަށައިފި އެވެ.
ދެ މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. ޕްރޮގްރާމު ފެށުމުގެ ގޮތުން ބޭއްވި ވާއްޗުއަލް ހަފްލާގައި ދިރާގާއި ވިމެން އިން ޓެކްގެ އިސް ބޭފުޅުންނާއި ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވި އެވެ. މި ޕްރޮގްރާމު ވެސް ކުރިއަށްދާނީ އޮންލައިންކޮށެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާ ގުޅޭ ގޮތުން މައުލޫމާތު ދޭނީ ދާއިރާގެ ފަންނީ މީހުންނެވެ.
ދިރާގުގެ ކޯޕަރޭޓް ސާވިސަސް ޑިރެކްޓަރު އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމަށް އެއްބާރުލުން ދޭން އެ ކުންފުނިން ނިންމީ ޓެކްނޮލޮޖީ ދާއިރާއަކީ އަންހެނުން ބާރުވެރިކުރުވަން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާތީ ކަމަށެވެ. އަދި ފުވައްމުލަކުގައި ހިންގި ކޯޑިން ޕްރޮގްރާމަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
"އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިތްވަރު ދިނުމަކީ އަޅުގަނޑުމެން ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ކަމެއް. އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި ގާލްސް ޓު ކޯޑް ފުވައްމުލައް އަދި ޖެންގޯ ގާލްސް މާލެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނުކަމީ އަޅުގަނޑުމެން މި މަސައްކަތް އިތުރައް ކުރިޔަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިވަތްރެއް،" އާތިފާ ވިދާޅުވި އެވެ.
މި ޕްރޮގްރާމު ތިނަދޫގައި ފެށުމަށް އެ ރަށުން ލިބުު ތަރުހީބަށް ވިމެން އިން ޓެކްގެ ރައީސާ ނިއުމާ ފާއިޒް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ހުރިހާ ބައިވެރިން ވެސް ޕްރޮގްރާމު ނިންމުމަށް އޭނާ އެދިވަޑައިގަތެވެ.
"މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިން ވެސް އިސްކަންދޭންވީ ޕްރޮގްރާމްގައި ދެމިތިބެ ޕްރޮގްރާމް ނިންމަން. އަދި މި ޕްރޮގްރާމުގެ ތެރެއިން 21 ވަނަ ގަރުނުގެ އެންމެ މުހިންމު ހުނަރު ދަސްކުރުމަކީ އަމާޒު ކަމުގައި ހިފުން،" ނިއުމާ ވިދާޅުވި އެވެ.