12 ޖެނުއަރީ 2021 - 13:54

ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ލިބުނު ގިނަ ބަޔަކު، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހެދި ގޯސްތަކެއްގެ ސަބަބުން މިނިވަންވުމުން އެކަން ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އޭޕްރީލް، 2019 ގައި ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއް ތަނަކުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. އެ މައްސަލާގައި ފަސް މީހަކަށް ގދ. ގައްދޫ ކޯޓުގައި ކުރި ދައުވާގައި، އޭގެ ތެރެއިން ހަތަރު މީހެއްގެ ބައި ކޯޓުން ބޭރުކޮށްލީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުވާ ކުރުމުންނެވެ. އެކަމަކު ތަހުގީގުގައި ފުލުހުން ހަދާފައި ހުރި ބޮޑެތި ގޯސްތަކެއް ވެސް އެ މައްސަލާގައި ކޯޓުން ފާހަގަކުރި އެވެ.
މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގަައި ހުރި އިހުމާލުތަކުގެ މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން އިއްޔެ އޭނާ ހުށަހެޅުއްވި ކަމަށެވެ.
މަގުމަތީ އަގުން ނަމަ އޭރު 260 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތީގެ މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލިޔަސް އިސްތިއުނާފް ކުރުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ގައްދޫ ކޯޓުގެ ނިންމުމުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕީޖީން ލަހުން ދައުވާ ކުރުމާއި މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންގައި މީސްމީހުންގެ ގޭގެއަށް ކޯޓު އަމުރެއް ނެތި ވަނުމާއި ތުހުމަތުވި ބައެއް މީހުން ހައްޔަރުނުކޮށް އަދި ކޯޓު އަމުރެއް ވެސް ނެތި ގިނަ އިރުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.